ޔާމީން މިވަގުތު ހުންނެވީ މާލޭ ޖަލުގައި

ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ މާލޭ ޖަލުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.


ޔާމީން، ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގަ އެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިރޭ ވިދާޅުވީ ރައީސް ޔާމީން މިހާރު ހުންނެވީ މާލޭގައި ޖަލުގައި ކަމަށެވެ. އެމަނިކުފާނު ހުކުމް ތަންފީޒުކުރައްވާނެ ޖަލެއް ކަނޑައަޅާނީ، އާއްމު އުސޫލުން މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

ޖަލަށް ހުކުމް އިއްވި، ކުރީގެ ރައީސުންނާއި ސިޔާސީ ބޭފުޅުން ހުކުމް ތަންފީޒު ކުރައްވާފައި ވަނީ މާފުށީ ޖަލުގަ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި، ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަން އެނގޭ ކަމަށެވެ. އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާ ކަން ހެކިންގެ ބަހުންނާއި ކިތާބީ ހެކިން އެނގޭ ކަމަށެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޝައްކު އުފެދޭ ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް ކަން ހެކިތަކުން އެނގޭ ކަމަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެކަމަކު ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެފައި ވަނީ އެއީ، އިންސާފުން ބޭރުން ކުރިއަށް ގެންދިޔަ ސިޔާސީ ދައުވާއެއް ކަމަށެވެ.