ދީނަށް އިހާނެތިކޮށް ހިތުން ހުއްޓުވޭނީ ސައްހަ އަގީދާ ކިޔައިދީގެން: ރައީސް

އިސްލާމްދީނަށް އިހާނެތިކޮށް ހިތުމާއި ކުޑައިމީސް ކުރުމުގެ އަމަލުތަކުން ޅަދަރީން ސަލާމަތް ކުރެވޭނީ ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަކަކުރާ "ރާއްޖެ އިސްލާމްވީ ދުވަހުގެ" މުނާސަބާގައި ފޮނުއްވި ޚިތާބުގައި ރައީސް ވިދާޅުވީ ދީނުގެ ތަސައްވުރު ހުތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު ފަރުވާތެރިވެ، އެކަންކަމުން ސަލާމަތްވުމަށާއި އެކަންކަމުން ޅަދަރީން ސަލާމަތް ކުރުމަކީ އެންމެންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ. ޒުވާނުންނާއި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ސާބިތުކުރުމަށް މަަސައްކަތް ކުރުމަކީ ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ދެކި އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...އިލްސާމްދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، އަދި އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން އަޅުގަނޑުމެންގެ ޅަދަރީން ސަލާމަތް ކުރެވޭނީ ވެސް، ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެންނެވެ،" ޚިތާބުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބިފައިވާ ގިނަ ގުނަ ނިއުމަތްތަކުގެ ތެރެއިން ވެސް އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ މަތިވެރި ނޫރުން ހިތްތައް އުޖާލާކޮށްދެއްވުމެވެ. އެހެންކަމުން ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދީނީ އަގީދާ ހިތްތަކުގައި ވަރުގަދަވާނީ ދީނީ ކަންކަމަށް ފަރުވާތެރިވެ ކުރަން އަންގަވާފައިވާ ކަންކަން ކުރުމާއެކު މުންކަރާތްތަކުން ދުރުހެލިވުމުންކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.

ދިވެހިންގެ ހިތްތަކުގައި އެންމެ ލޯބި ދެވޭ ގަދަރު ކުރެވޭ އަދި އެންމެ އިހުތިރާމް ކުރެވޭ އެއްޗަކީ ވެސް އިސްލާމީ އަގީދާ ކަަމަށާއި އެހެންކަމުން ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ އެކަކު އަނެކަކަށް އޯގާތެރިވުމާއި މައާފުކުރުމާއި ތަހައްމަލުކުރުމާއި ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"...ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަޚުލާގުން އިސްލާމީ އަގީދާ ހާމަކޮށްދިނުމަކީ، މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަންތަކެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.