އެޗްއާރުސީއެމުން ޔާމީނާ ބައްދަލުކުރަން ޖަލަށް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެޗްއާރުސީއެމަށް ދީފި އެވެ.


ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޔާމީނާ ބަދަލު ކުރެއްވުމަށް އެޗްއާރުސީއެމްގެ ތިން ބޭފުޅަކު މާލެ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސުން ދީފައިވާ ކަމަށެވެ.

އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މުނާޒް ނުދެއްވަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޔާމީން އޮންނެވި ޖަލު ގޮޅީގެ ހާލަތު ދަށް ކަމަށް ބުނެ، ޕީޕީއެމުން ވަނީ އެޗްއާރުސީއެމްގައި ޝަކުވާކޮށްފަ އެވެ. އެހެންވެ، އެޗްއާރުސީއެމުން ބޭނުންވަނީ ޔާމީން އޮންނެވި ޖަލުގެ ހާލަތު ދެނެގަތުމަށެވެ.

މުނާޒް މިއަދު ކުރެއްވި ޓުވީޓު.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފަ އެވެ.

ޖަލު ހުކުމް ތަންފީޒުކުރަން ފަށާއިރު ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހެދުމަށް ޔާމީން މިވަގުތު ބަހައްޓާފައި ހުންނެވީ މާލޭ ޖަލުގަ އެވެ. އެކަމަކު އެ ޖަލުގެ ހާލަތު ދަށް ކަމަށް ބުނެ ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ޔާމީނަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ވަނީ މާލެ ޖަލު ކައިރިއަށް އެއްވެ އަޑު ވެސް އުފުލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޔާމީން ހުންނެވީ ހަތަރު ފޫޓު/ ހަ ފޫޓު ގޮޅިއެއްގަ އެވެ. އެއީ މާލެ ޖަލުގައި ހުންނަ އެންމެ އުނދަގޫ ގޮޅި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ފާހަނާ ތަށި ފްލަޝް ނުކުރެވޭ އިރު، ޔާމީން އޮށޯވެގެން އޮންނަވަނީ ހަމަ އިސްކޮޅު ނުލިބޭ ތަނެއްގައި ކަމަށް އެމީހުން ބުނެ އެވެ.

މިހާރުގެ ސަރުކާރުގެ ވެރިންނާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތް ކުރެއްވި އެކަމަކު މިހާރު ޔާމީންގެ ހިމާޔަތުގައި އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ގެކޮޅުގައި ހުންނެވޭނެ ގޮތް ހަދައިދިނުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.