އެކުވެރި ދެ ރައީސުންގެ ފޮޓޯތަކަށް ސަމާލުކަން!

ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު އެންމެ ފުރަތަމަ ޓުވީޓު ކުރެއްވީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ޔޫއޭއީއަށް ފެއްޓެވި ދަތުރުފުޅުގައި، ހާއްސަ ޖެޓްގައި ރައީސް އިބްރާހިމް ސޯލިހާ އެކު އިންނެވި ފޮޓޯފުޅެވެ.


އެމްޑީޕީގެ ސަޕޯޓަރުންނަށް އެއީ އެކުވެރިކަމާއި، ބަދަހި ގުޅުމުގެ ނަމޫނާއެކެވެ. އަދި ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ހިޔާލު ތަފާތުވުން ބޮޑު ކަމަށް ފެތުރޭ އަޑުތަކުގައި ހަގީގަތެއް ނެތް ކަމެވެ.

ރައީސްކަމާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގެން ފަހުން ދެ ބޭފުޅުން އެކުގައި މި ކަހަލަ ރަސްމީ ދަތުރުފުޅެއް ވެސް އަދި ނުކުރައްވަ އެވެ. ޔޫއޭއީއަށް ވަޑައިގަތީ، އެ ގައުމުގެ މުހިންމު ސަރަހައްދެއް ކަމަށް ވާ އަބޫދާބީގެ ވަލީއަހުދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށެވެ.

ޔޫއޭއީގެ ޝާހީ އާއިލާތަކަކީ އާދައިގެ ބައެއް ނޫނެވެ. ގަނޑުވަރުތަކުން ދޭ ދައުވަތުތަކުގައި އެ ގައުމަށް ވަޑައިގަންނަވާ މެހެމާނުންނަށް ލިބިވަޑައިގަންނަވާނީ ވެސް އާދައިގެ މެހެމާންދާރީއެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ ވެރިކަމުގެ ބާރާއި ރައްޔިތުންގެ މަޖިލިހުގެ ބާރުގެ އެންމެ އިސް ދެ ވެރިންނަށް މި ދަތުރުފުޅުގެ އުފާވެރިކަން، ފަހުން އާންމުވި ފޮޓޯތަކުން އެނގެ އެވެ.

އެއް ފޮޓޯއެއްގައި ފެންނަނީ ގޮނޑުދޮށުގައި ހުރި ގޮނޑިއެއްގައި ދެ ބޭފުޅުން އަރާމުކޮށްލައްވަން ތިއްބެވި ތަނެވެ. އޭގެ ފަހުން ޓެނިސް ކޯޓެއްގައި، ދެ ބޭފުޅުން ޓެނިސް ކުޅުއްވާ ތަނުގެ ފޮޓޯ އެވެ.

ގައުމުތަކުގެ ވެރިންނަކީ އަރާމު ވެސް ކުރައްވާ، އަދި ކުޅިވަރުތަކުގައި ވެސް ވަގުތު ހޭދަކުރައްވާ ބޭފުޅުންނެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ފޮޓޯތަކަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ޕީޕީއެމް/ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔޫއޭއީގެ ބީޗު ސަރަހައްދުގައި ތިއްބަވައިގެން ދެ ބޭފުޅުން ނެންގެވި ފޮޓޯއިން "ގައުމުގެ ހާލަތު އޮތް ގޮތް ސާފުވާނެ" ކަމަށެވެ.

"ވައިބާ ގްރޫޕްތަކާއި ފޭސްބުކްގައި މިހާރު ދައުރު ވާނެ ރައީސް އާއި ނަޝީދާ ދެ ބޭފުޅުން ސޯޓު ތުރުކުރައްވައިގެން ބޭރު ގައުމެއްގައި ފިލްމު ކުޅުއްވަން އުޅުއްވާ ފޮޓޯއެއް. އެއީ މި ގައުމުގެ ވެރިންގެ ހާލަތު ހުރި ގޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔޫއޭއީގައި ޓެނިސް ކުޅުއްވަނީ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމާ އެކު، ޕީޕީއެމް/ޕީއެންސީއަށް ވަނީ ލޮޅުން އަރައިފަ އެވެ. އަދި ދެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުކިއުއްވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔޫއޭއީގައި ޓެނިސް ކުޅުއްވަނީ.

އިދިކޮޅު ފަރާތްތަކުން އެގޮތަށް ފާޑުކިޔަސް، އެމްޑީޕީގެ މެމްބަރުން ތިބީ، ދެ ބޭފުޅުންގެ ފޮޓޯތަކަށް ކުރާ ތައުރީފްގެ ބަސްތަކުގަ އެވެ.

ދެ ރައީސުންގެ ފޮޓޯއާ އެކު މަޖިލިހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެ އެދޭ ހަމަޖެހުމާއި ތަމައްދުން، ދެ ލީޑަރުން ހޯއްދަވައި ދެއްވާނެ ކަން އަބަދުވެސް ޔަގީންވާ ކަމަށެވެ.

ޓުވިޓާގައި ހިޔާލު ފާޅުކުރި އެހެން ބައެއް މީހުން ސިފަކުރި ގޮތުގައި މި ދެ ރައީސުން އަބަދުވެސް ތަފާތުވާނެ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑު ކަމަށް، އެންމެ ބޮޑަށް އަޑު ފެތުރެނީ، ސިޔާސީ އެހެން އިސް ފަރާތްތަކުގެ މެދުގަ އެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ވެސް އެ ވާހަކަތައް އަޑުއިވިވަޑައިގެންފައި އޮންނާނެ އެވެ. އެކަމަކު މަތިންދާބޯޓުގައި ދެ ބޭފުޅުން ތިއްބެވި ފޮޓޯއާ އެކު، ޖަމީލަށް ވިސްނިވަޑައިގަތީ، ސިޔާސީ ބައެއް ލީޑަރުން، އެ ދެ ބޭފުޅުންނާ ބެހޭ ގޮތުން "ޖައްސަވާ ހިސާބު ގޯސް" ކަމަށެވެ.

"ހިޔާލު ތަފާތު ވިޔަސް މި ދެ ބޭފުޅުން ކަންކަން ނިންމަވަނީ އެކުއެކުގައި" ކަމަށް ލިއުއްވަމުން، އެ ޓްވީޓް ނިންމާލެއްވީ، ސަރުކާރާ ގުޅިފައިވާ އެހެން ލީޑަރުންނަށް މެސެޖެއް ވެސް ދެއްވަމުންނެވެ. ޖަމީލް ވިދާޅުވީ "ނިދިން ހޭލެވޭ އިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި" ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުން މިހާތަނަށް ބުނީ، ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގެންނެވި ވާހަކަ އެކަންޏެވެ.