ޓްވީޓަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށް ނަސޭހަތް ދީފި

ބައެއް ޝެއިހުން ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އާންމު މީހަކު ކުރި ޓްވީޓަކާ ގުޅިގެން އޭނާ ފުލުހުންގެ އިދާރާ އަށް މިއަދު ހާޒިރުކޮށް ނަސޭހަތް ދީފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ސޯޝަލް މީޑިއާ އެކްޓްވިސްޓް، އަހުމަދު އަޒާން މިއަދު އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރީ މިދިޔަ އަންގާރަ ދުވަހު އޭނާ ކުރި ޓްވީޓަކާ ގުޅިގެންނެވެ. ފުލުހުން ޓެގްކޮށް ކުރި އެ ޓްވީޓްގައި އޭނާ ބުނެފައި ވަނީ ޑރ. މުހައްމަދު އިޔާޒާއި ޝެއިޚް އަލީ ޒައިދުގެ އިތުރުން ޝެއިޚް އާދަމް ޝަމީމް ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައްސަލަ ޖެހުނު ޓްވީޓް---

އަޒާން، "މިހާރު" އަށް ބުނިގޮތުގައި އޭނާ މިއަދު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އެފަދަ ޓްވީޓް ނުކުރަން ފުލުހުން އަންގާފައިވާ ކަމަށެވެ. ނަސޭހަތް ދިނުމުގެ އިތުރުން އެ މައްސަލަ އިތުރަށް ބަލާ ކަމަށް ފުލުހުން ނުބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިކޮޅު ފުލުހުން ބުނި މާބޮޑު ކަމެއް އުޅެނީއެއް ނޫނޭ މާލެއިން ގުޅާވަރުންނޭ މި ހާޒިރު ކުރީ. ތިން ދުވަސް ވެއްޖެއޭ މާލެ ކޮޅުން ގުޅާތާ،" ދިޔަރެސް ކިޔާ ނޫހެއްގައި ވެސް މަސައްކަތް ކުރާ އަޒާން ބުންޏެވެ.

"ނަސޭހަތް ދިން ލިޔުމުގައި ސޮއި ކުރާނީ އޭގެ ކޮޕީއެއް ދިނީމައޭ ބުނުމުން އޭގެ ކޮޕީއެއް ނުދިން. ބުނީ އޭރުން އެ ލިޔުން ވެސް ޓްވީޓް ކުރާނެ ނޫންހޭ. އެހެންވެ ސޮއެއް ނުކުރަން."

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ރައީސް ޔާމީންގެ ވެރިކަމުގައި ސޯޝަލް މީޑިއާގައި މީހުން ފާޅު ކުރާ ޝުއޫރުތަކާ ގުޅިގެން ދިޔައީ ފިޔަވަޅު އަޅަމުންނެވެ. ނަމަވެސް މިފަހުން އެކަން އެހާ އާންމެއް ނޫނެވެ.