ރަނގަޅަށް އަޅާ ބިންގާތަކަކީ ރޫޅާލަން ޖެހޭ ތަންތަނެއް ނޫން: އަސްލަމް

އެހެން ސަރުކާރުތަކުން ކުރާ ރަނގަޅު ކަންކަން، ނުހުއްޓުވައި، ކުރިއަށް ގެންދަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.


ނ. މާފަރު އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ، ކޮންމެ ބަޔަކު ކުރި ނަމަވެސް ރައްޔިތުންނަަށް ފައިދާވާ ކަމެއް ނަމަ އެކަންކަން ނުހުއްޓުވާނެ ކަމަށެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އަދި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 24، 2017 ގަ އެވެ.

"ގައުމުގައި ސަރުކާރުތައް ބަަދަލުވާނެ. ވެރިން ވެސް ބަދަލު ވާނެ. އެހެން ނަމަވެސް ދައުލަތް ދެމި އޮންނާނެ. ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުންނަ ރަނގަޅު ކަންތައްތަކަކީ، ރަނގަޅަށް އެޅިފައި ހުންނަ ބިންގާތަކަކީ ރޫޅާލަން ޖެހޭ ތަންތަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މާފަރު އެެއާޕޯޓުގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން. -- ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ކުރެއްވި ކަންކަމަަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ، އެ ސަރުކާރުން މަސައްކަތް ކުރެއްވީ ކުރީގެ ސަރުކާރުން ކުރިކަންކަން ދަމަހައްޓަން ނޫން ކަމަށާއި އައްޑޫ ކޮންވެންޝަން ސެންޓަރު ވެސް ހޮސްޕިޓަލަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރި ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ އެކު ރަށަށް އިގްތިސާދީ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރަށުގެ ތަރައްގީގެ ބިންގާ ކަމުގައި ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، އެއާޕޯޓާ އެކު ރަށުގެ ބިމުގެ އަގު އެތައް ގުނައެއް އުފުލިގެންދާނެ ކަމަށެވެ.

މާފަރު އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށާފައިވާ އިރު މި އެއާޕޯޓް ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.