ނިހާނާއި އަލީ އާރިފް: ޔާމީން ޖަލަށް ލުމަކީ ރިޔާސީ ވައުދެއް، ގާސިމާ ގުޅުމެއް ނެތް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ގުޅުވައި ޕީޕީއެމުން ކުރާ ތުހުމަތުތައް، އެ ޕާޓީގެ ކުރީގެ އިސް ދެ މެމްބަރުން ކަމަށްވާ އަހްމަދު ނިހާނާއި އަލީ އާރިފް ރޭ ދޮގު ކުރައްވައިފަ އެވެ.


މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ގާސިމް އަޑީގައި ހުންނަވައި، ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ކަމަށް ޕީޕީއެމުން ވަނީ ތުހުމަތުކޮށްފަ އެވެ. މީގެއިތުރުން، ޕީޕީއެމަށް ގަދަކުރުމުގެ ފުރުސަތު ނުދެއްވަން އެދިވަޑައިގެން ޔާމީން މިސާލު ޖެއްސެވި މިނިކާ ބާޒަކީ ވެސް ގާސިމް ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ގާސިމް ދިފާއު ކުރައްވައި، ވީޓީވީގައި އަލީ އާރިފް ވިދާޅުވީ ޔާމީން ޖަލަށް ލުމަކީ މި ސަރުކާރުން ވީ ރިޔާސީ ވައުދެއް ކަމަށެވެ. އެ ހުކުމްގެ އިންސާފުވެރިކަމާ މެދު އެއްޗެއް ވިދާޅުވާން ބޭނުމެއް ނޫން ކަމަށާއި އެކަމަކު އެއީ ގާސިމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަލީ އާރިފާއި ނިހާން މިހާރު އުޅުއްވަނީ ޖުމްހޫރީ ޕާޓީގަ އެވެ.

ޔާމީނަށް ކުރިމަތިވެވަޑައިގަތް ހާލަތުން ގާސިމްގެ އިސްތަށިފުޅުގައި އަޅުވަނީ ދޮގު އިލްޒާމްތަކެއް ކަމަށް ކަމަށް ވެސް ނިހާނާއި އަލީ އާރިފް ވިދާޅުވި އެވެ.

"ގާސިމް އިބްރާހިމްގެ އިސްތަށިފުޅުގައި އެކި ޒާތްޒާތުގެ ކަންކަން އެޅުވުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެއް. އޭގައި ގިނަ ފަހަރަށް ބަލައެއް ނުލާ، ކޮން މިންވަރަކަށްތޯ ގުޅެނީ ވެސް،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި ނިހާން ވިދާޅުވި އެވެ.

ޔާމީން: މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އެމަނިކުފާނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި.

ޕީޕީއެމް ދޫކުރައްވައި، ޖުމްހޫރީ ޕާޓީއާ ވަރަށް ފަހުން ގުޅިވަޑައިގެންނެވި ނިހާނާއި އަލީ އާރިފް ވިދާޅުވީ ގާސިމްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވާ ސަބަބު އެނގިވަޑައިގަންނަވާ ކަމަށެވެ. ޕީޕީއެމަކީ އެ ދެ ބޭފުޅުން ވެސް ތިއްބެވި ޕާޓީއެއް ކަމަށާއި "މި ކުޅި ހިނގާ މަގު" އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރައީސްކަން ކުރެއްވި ބޭފުޅުން، ކޮންމެވެސް ތުހުމަތެއްގައި ޖަލަށް ލާ ތަން ރާއްޖޭގައި ފެންނަމުންދާ ކަމަށާއި އެކަން ގަބޫލުނުކުރައްވައި ގާސިމްގެ ބޮލުގައި އިލްޒާމް ނޭޅުއްވުމަށް އަލީ އާރިފް އެދިވަޑައިގަތެވެ.

"އެންމެންނަށް ވެސް އެބަފެނޭ، މިކަން ވަމުން އަންނަ ކަން. ދެން ހައްގުތޯ ނުހައްގުތޯ އެކި ފަހަރު އެކި އެއްޗިހި ގޮވަނީ. އިއްޔެ އެއް ބަޔަކު ގޮވި ސިޔާސީ ދައުވާއެކޭ. މިއަދު އަނެއް ބަޔެކޭ މި ގޮވަނީ ސިޔާސީ ދައުވާއޭ. އެހެންވީމަ މި ވާހަކަ ބާއްވާށޭ. އެންމެންނަށް ފެނޭއެއް ނޫންހޭ މިކަން އަންނަތަން. އައީމަ ގާސިމް އިބްރާހިމްގެ އިސްތަށިފުޅުގައި މީތި އަޅުވަން ނޫޅުއްވާށޭ،" އަލީ އާރިފް ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ޔާމީންގެ ވެރިކަމުގައި ސިޔާސީ އެކި ކަންކަމާ ގުޅުވައި ޖަލަށް ލީ އަދަދު 30 އަށް އަރާ ކަން ފާހަގަކުރެއްވި އެވެ. އެއީ، ހައްގުންތޯ ނުހައްގުންތޯ ނުނިންމަވާ ކަމަށް އޭރު ސަރުކާރުގެ ދިފާއުގައި މަސައްކަތް ކުރެއްވި އަލީ އާރިފް ވިދާޅުވި އެވެ.

"މިއީ، އެ ބޭފުޅުންގެ ރިޔާސީ ވައުދެއް. ކެމްޕޭންގައި އެ ބޭފުޅުން ވިދާޅުވަމުން ގެންދެވި ރައީސް ޔާމީން ޖަލަށް ލާނަމޭ. އަނެއްހެން ބުނަންޏާ އެ ބޭފުޅުންގެ ރިޔާސީ ވައުދެއް މި ފުދުނީ. އަޅުގަނޑު ނުދަންނަވަން ފުއްދެވީއެކޭ،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ގާސިމް ދިފާއުކުރައްވައި އަލީ އާރިފް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އެޕީލް ފުރުސަތު އެބައޮތް، ގާސިމް އިބްރާހީމަކީ ޖަޖެއް ނޫން. މި ހުކުމާ ދޭތެރޭގައި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެއްޗެއް ވިދާޅުވާކަށް ގާސިމް އިބްރާހިމް ޖެހިވަޑައެއް ނުގަންނަވާ."

ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ގާސިމްގެ އަރިހުގައި އަލީ އާރިފް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޔާމީން ޖަލަށް ލުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް ވިދާޅުވި އިރު، ޖުމްހޫރީ ޕާޓީ ވެސް ހިމެނިވަޑައިގަންނަވަނީ ވެރިކަން ކުރާ ކޯލިޝަންގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވައި ވެރިކަން ކާމިޔާބު ކުރެއްވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން ހިމެނިވަޑައިގެންނެވި "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ"އަކުންނެވެ.

ގާސިމްގެ ދިފާއުގައި އެ ދެ ބޭފުޅުން މިއަދު ވާހަކަ ދެއްކެވުމުން ފާޑުކިއުން އަންނާނެ ކަމަށާއި އެކަމަކު، ސިޔާސީ މަސައްކަތުގައި ބަލަނީ ވީ އެންމެ ރަނގަޅަކަށް އެކަން ކުރެއްވޭތޯ ކަަމަށް ވިދާޅުވި އެވެ. މިދިޔަ ސަރުކާރުގައި ބަސް ނުހިނގައި ކިތަންމެ ކަމެެއް އަތްނުފޯރާ ހިސާބުން ވެދިޔަ ކަމަށް އަލީ އާރިފް ވިދާޅުވި ނަމަވެސް ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

"އަޅުގަނޑުމެން ދެ މީހުން މިއަދު މިތާ މި ތިބީ، ލީޑަރު [ގާސިމް]ގެ ބޮލުގައި ނުހައްގުން މިކަން އަޅުވާތީވެ އެއީ ކަނޑައެޅިގެން ބުހުތާނުކަން ދިވެހި ރައްޔިތުންނަށް ކިޔައިދޭން،" އަލީ އާރިފް ވިދާޅުވި އެވެ.

އަޅުގަނޑުމެން ނޫޅޭން އިނގޭތޯ މިނިކާ ބާޒުތަކެއްހެން. ޖުމްހޫރީ ޕާޓީ އާއި ލީޑަރެއް ނޫޅޭ ޕީޕިއެމް ޖަހައިގަންނާކަށް. --އަލީ އާރިފް

އޭނާ ވިދާޅުވި ގޮތުގައި ޔާމީން ޖަލަށް ލުމުން އޭނާ އަށް ގުޅުއްވި ޕީޕީއެމްގެ ބޭފުޅަކު ވެސް ތުހުމަތުތަކެއް ކުރެއްވި އެވެ.

"އައި ކޯލްގައި މި ބުނަނީ، އަލީ އާރިފްމެން، ނުވަތަ ގާސިމް އިބްރާހިމްމެން ތި އުޅުއްވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަތުލަންހޭ. އަޅުގަނޑު ދިޔައީ ސިއްސައިގެން. ދެންނެވިން ނޫނެކޭ، މި އުޅެނީ ޕާޓީ [ޖުމްހޫރީ ޕާޓީ] ބޮޑުކުރާށޭ،" އޭނާ ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވީ މަނީ ލޯންޑްރިންގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ޔާމީން ބެހެއްޓެވުމުން އެކަމާ ދެކޮޅަށް ގާސިމް އަޑު އުފުއްލެވި ކަމަށެވެ. އެކަމަކު، ހުކުމް އިއްވުމުން އެއްޗެއް ވިދާޅުނުވީ އޭނާ އަކީ އެންމެންގެ ހައްގުތަކާ މެދު ވިސްނަވާ ބޭފުޅަކަށް ވާތީ ކަމަށެވެ.