ރާއްޖޭގެ ފުރަތަމަ ޕަވަބޯޓް ރޭސިން މުބާރާތް ހުޅުމާލޭގައި

ރާއްޖޭގައި އަލަށް ބާއްވާ ޕަވަބޯޓް ރޭސިން މުބާރާތުގެ ފައިނަލް މެޗް މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.


"މޯލްޑިވްސް އިންވިޓޭޝަނަލް ޓްރޮފީ ކަޕް" ކުރިއަށް ގެންދާ ޕަވަބޯޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޕީއޭއެމް) ގެ ރައީސް މުހައްމަދު އިންތިފް ވިދާޅުވީ މި މުބާރާތުގައި ހަތް ގައުމަކުން 16 ޓީމު ބައިވެރިވި ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފޭސްގެ އިވެންޓް ސަރަހައްދުގައި އިއްޔެ ފެށި މި މުބާރާތުގައި ޖަރުމަން، އިނގިރޭސި ވިލާތް، ސައުތު އެފްރިކާ، ރަޝިއާ، ނޯވޭ، ސްވިޑެން އަދި ރާއްޖޭން ބައިވެރިވި އެވެ.

ޕަވާބޯޓް އެސޯސިއޭޝަނުން އިއްޔެ ކުރި ޓްވީޓެއް

މި މުބާރާތް ރާއްޖޭގައި ކުރިއަށް ގެންދަނީ ކޮންމެ ދުވަހަކު ހަ "ހީޓް" އޮންނަ ގޮތަށް ބަހާލައިގެނެވެ. ކޮންމެ ހީޓެއްގައި ފަސް ލެޕެއް އޮންނާނެ އެވެ. އިންތިފް ވިދާޅުވީ އެއް ރޭސް ނިންމާއިރު، އޭގައި ބައިވެރިވާ ޕަވަބޯޓަކަށް އެއް ކިލޯމީޓަރު ދުއްވިފައި ހުންނާނެ ކަމަށެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މޮޑިފައި އާއި ޕްރޯ ސްޓޮކެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި ނުވަ ބޯޓް ބައިވެރިވި އެވެ.

މި މުބާރާތް ބާއްވަން އިއުލާން ކުރުމުން ހަފުތާއެއްގެ ތެރޭގައި 40 އަށް ވުރެ ގިނަ ޓީމުން ޝައުގުވެރިކަން ފާޅުކުރި ކަމަށް އިންތިފް ވިދާޅުވި އެވެ. ނަމަވެސް މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތަށް ވުމުން އެހާ ގިނަ ޓީމް ބައިވެރިކުރެވެން ނެތް ކަމަށާއި އެހެންކަމުން ބައިވެރިން ޝޯޓް ލިސްޓް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަވަބޯޓް ރޭސިން މުބާރާތުގައި ބައިވެރިވި ބައެއް ޓީމުތައް، ބޯޓްތަކާ އެކު -- ފޮޓޯ: ޕީއޭއެމްގެ ނައިބް ރައީސް އަލީ ހާޝިމްގެ ޓްވިޓާ

މި މުބާރާތް ކުރިއަށް ގެންދިއުމުގައި ޔޫތު މިނިސްޓްރީން ގިނަ އެހީތަކެއް ވެދިންކަން އިންތިފް ފާހަގަކުރެއްވި އެވެ.

ޕީއޭއެމް މިހާރު ވަނީ މި ކުޅިވަރުގެ ކަންތައް ބަލަހައްޓާ ބައިނަލްއަގުވާމީ ޖަމިއްޔާ "ޔޫނިއަން އިންޓަނޭޝަނަލް މޮޓޮނޮޓީކް" ގައި ރަޖިސްޓްރީ ވެފަ އެވެ. އަދި ކޮންމެ އަހަރަކު މިފަފަ މުބާރާތެއް ރާއްޖޭގައި ބާއްވަން މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އަންނަ އަހަރު ސައުތު އެފްރިކާގައި އޮންނަ ޕަވަބޯޓް ވޯލްޑްސް މުބާރާތުގައި ރާއްޖޭން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.