އަޅުގަނޑަށް ހުރަސް އެޅޭނެ މީހަކު މި އުޑު ދަށަކު ނުހުންނާނެ: ފިޔާޒް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށާއި އެކަމަށް ހުރަސް އެޅޭނެ މީހަކު މި އުޑުދަށުގައި ނުހުންނާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.


"މާއްދާ 29، މި ވެސް ހައްގެއް" ކެމްޕެއިން ފައްޓަވައި ދެއްވުމުގެ ހަފްލާގައި ފިޔާޒް ވިދާޅުވީ އެ ގާނޫނު މިހާތަނަށް އޮތީ ތަންފީޒު ނުކުރެވި ކަމަށެވެ. އެކަން ބަދަލުކޮށް ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

"މި ގާނޫނު ތަންފީޒު ކުރުމަށް އަޅުގަނޑަށް ހުރަސް އެޅޭނެ މީހަކު މި އުޑުދަށުގައެއް ނުހުންނާނެ. އަޅުގަނޑު އެކަން ކުރާނީ މަސްލަހަތަށް ބަލައިގެން،" ދާދިފަހުން މަގާމާ ހަވާލުވެ ވަޑައިގެންނެވި ފިޔާޒް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން ފާސްކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަކީ ތަންފީޒު ނުކުރެވި އޮތް ގާނޫނެކެވެ. ކުރިން އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ގާބިލްކަމާ މެދު އޭރު ވެސް ދިޔައީ ސުވާލު އުފައްދަމުންނެވެ. މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވެސް ފިޔާޒް ވަނީ އޭނާގެ މައްޗަށް ނުފޫރު ނުފޯރުވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރިޕޯޓް ހުށަހަޅާފައިވަނީ ދައުލަތުގެ މަދު އިދާރާތަކަކުން ކަމަށް ވެސް މިއަދު ފިޔާޒް ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އަހަރީ ރިޕޯޓެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަން ޖެހެ އެވެ. އެ ރިޕޯޓުގައި، އެ އޮފީހަކުން ހޯދަން އާންމުން އެދިފައިވާ މައުލޫމާތާއި ދީފައިވާ މައުލޫމާތުގެ އިތުރުން ނުދޭ މައުލޫމާތުގެ ތަފާސްހިސާބު ހިމަނަން ޖެހެ އެވެ.

ފިޔާޒް ވިދާޅުވީ ކެމްޕެއިން ފަށަން ޖެހުނީ ދައުލަތުގެ ބައެއް އިދާރާތައް އޮތް ހާލަތުން ކަމަށެވެ. މައުލޫމާތު ފޯރުކޮށްދޭން ޖެހޭ 1،200 އެއްހާ މުއައްސަސާ ހުރިއިރު އެ ކޮމިޝަނަށް އަހަރީ ރިޕޯޓް ހުށަހަޅާ މުއައްސަސާތަކުގެ އަދަދު 200 އަށް ވުރެ ވެސް ދަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެން މި އެނގެނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުވާ މިންވަރު. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 6،000 ރިޕޯޓް ހުށަހަޅަން ޖެހޭއިރުގައި [ހުށަހެޅި] ޖުމްލަ އަދަދަކީ 702 އިނގޭތޯ. އަޅުގަނޑުމެން ހިތާމަކުރަން ޖެހޭ،" ފިޔާޒް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އިންފޮމޭޝަން ކޮމިޝަނާ ފިޔާޒް: ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މައުލޫމާތު ފޯރުކޮށްދިނުން އެންމެ ދަށީ ޝަރުއީ ދާއިރާ އާއި ސިޔާސީ ޕާޓީތަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަރާތްތަކުން އިންފޮމޭޝަން ކޮމިޝަނަރަށް މިހާތަނަށް އެންމެ ރިޕޯޓެއް ވެސް ހުށަނާޅާ ކަމަށެވެ.

ފިޔާޒް ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ ގިނަ ހައްގުތަކަކަށް މީހުން އަހުލުވެރި ނަމަވެސް މާއްދާ 29 އިން ލިބިދޭ ހައްގު ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ. އެ ހައްގަށް މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންގެ އިތުރުން ނޫސްވެރިންނާއި އާއްމު ރައްޔިތުން ވެސް އަހުލުވެރި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހޯދަން އެދޭ މައުލޫމާތު ލިބޭ މިންވަރު މޮނީޓާކުރުން ހަރުދަނާ ކުރާނެ ކަމަށެވެ.

މިއަދު ފެށި ކެމްޕެއިންގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އާއްމުންނާއި މުއައްސަސާތަކުގެ ވެރިން ހޭލުންތެރި ކުރުން ހިމެނެ އެވެ. ކުރިއަށް އޮތް ތިން މަހަށް ކުރިއަށް ގެންދާ އެ ކެމްޕެއިންގައި ގިނަ ހަރަކާތްތަތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.