13 އަހަރުގެ ކުއްޖާ އާއި އެ އާއިލާގެ އެހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ، ވިހެއި މައްސަލާގައި އެ ކުއްޖާ އާއި އެ އާއިލާގައި ހިމެނޭ އެހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.


އެ ކުއްޖާ ބަލިވެ އިނދެ ވިހެއި، މައްސަލަަ ފެންމަތިވުމާ އެކު ފުލުހުން ކުރިން ވަނީ 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އަދި ދީނީ ޚިޔާލު ތަފާތުވުންތަކެއްގައި ބަޔަކު އެ ފިރިހެން މީހާއަށް އަނިޔާ ކުރި މައްސަލައެއް ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ.

ފުލުހުން ބުނީ 13 އަހަރުގެ ކުއްޖާ އާއި އޭނާ ވިހެއި ތުއްތު ކުއްޖާގެ އިތުރުން އެ އާއިލާގައި އިތުރަށް ތިބި ހަ ކުއްޖަކު ވެސް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ކުދިންނާ މެދު އިހުމާލުވި މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ބަލިވެ އިން މައްސަލަ ކުރިން ވެސް ދިޔައީ ތަހުގީގު ކުރަމުންނެވެ. އެ ކުއްޖާ އާއި އެ އާއިލާގައި ދެން ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދިޔައީ އެ ކުއްޖާގެ އާއިލާ ގާތުގައި ހުރުން ރަނގަޅު ކަމަށް ކަމާބެހޭ ފަރާތްތަކަށް ފެންނާތީ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.