އަމީންގެ މައްޗަށް ޓެރަރިޒަމުގެ ތުހުމަތުކޮށް، ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެ، ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ޏ. ފުވައްމުލަކު، މާދަޑު ކަރިއްޔާވިލާ އަމީން މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ހަނގުރާމައަށް ދިވެހިން ފޮނުވުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާއަކީ ކުރިން އެމެރިކާއިން ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނި މީހެކެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމައަށް މީހުން ފޮނުވުމުގައި ހަރަކާތްތެރިވުމާއި އެކަމަށް ވާގިވެރިވުމުގެ ތުހުމަތު އަމީންގެ މައްޗަށް ކުރެވޭތީ އާއި ޓެރަރިސްޓް ޖަމާއަތްތަކަށް މާލީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން އެހީތެރިކަން ދިނުމުގެ ތުހުމަތުގެ އިތުރުން އެފަދަ ޖަމާއަތްތަކުގެ ވެރިންނާ ގާތް ގުޅުން ބޭއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

އަމީނަކީ 2007 ގައި ސަލް ޓަންޕާކްގައި އެއްޗެއް ގޮއްވާލި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރަން އިއުލާންކުރި މީހެކެވެ. އޭނާ ހޯދަން އޭރު އިންޓަޕޯލްގެ ރެޑް ނޯޓިސް ވެސް ނެރުނެވެ. އެކަމަކު 2011 ވަނަ އަހަރު އޭނާ އަތުލައިގަނެ، ރާއްޖެ ގެނައުމަށް ފަހު ފަހުން ހުރީ ދޫކޮށްލައިފަ އެވެ.