ބޭރުގެ ބޯޓަކުން ގެއްލުނު ފަޅުވެރިއަކު ހޯދަނީ

ކޮންޓެއިނަރު އުފުލާ ބޭރު ބޯޓަކުން ގެއްލުނު ފަޅުވެރިއަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަނީ 25 އަހަރުގެ ޔޫކްރެއިންގެ ފިރިހެނެއް ކަމަށެވެ. އެ މީހާ ގެއްލުނީ މިދިޔަ މަހުގެ 23 ގައި ނަމަވެސް އޭނާ ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ ގެއްލުނު އިރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ ސްރީ ލަންކާގެ ގޯލްގެ ހުޅަނގުން، ރާއްޖޭގެ އިރު އުތުރުން ކަމަށް ވެސް އެތަނުން ބުންޏެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަންގައިދިނުމަށް އެމްއެންޑީއެފުން އެދުނެވެ. ރާއްޖޭގެ އުތުރާއި އިރުއުތުރުން ދަތުރުކުރާ މީހުން އެކަމަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން ވެސް ވަނީ އެދިފަ އެވެ.

މީހަކު ގެއްލުނީ ކޮން ގައުމެއްގެ ބޯޓަކުން ކަމެއް ހާމައެއް ނުކުރެ އެވެ.