ޖަލަށް ދާންޖެހުނަސް، ޔާމީންގެ ހައްގުގައި ނިކުމެ މަސައްކަތް ކުރާނަން: ޣައްސާން

ޖަލަށް ލިޔަސް ހެޔޮކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.


ޔާމީން މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނު މިނިވަންކުރަން ގޮވާލައި، އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން، ޔާމީނަށް ބޮޑުބޭބެ ޥިދާޅުވާ ޣައްސާން ވިދާޅުވީ އިސްލާމްދީނުގެ ހިމާޔަތާއި އިގްތިިސާދުގެ ކުރިއެރުމަށްޓަކައި ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަކީ އިދިކޮޅުގެ ބޮޑު އަމާޒު ކަމަށާއި އެ މަސައްކަތުގައި މިހާރު އިދިކޮޅު މީހުން މަދު ކަމަށް ހީވިޔަސް، ބަޔަކު ދައްކާ އެއްވެސް ބިރަކަށް ޖެހިލުން ނުވާނެ ކަމަށެވެ. އަދި ޖަލަށް ލިޔަސް ޔާމީންގެ ހައްގުގައި ކުރާ މަސައްކަަތް ހުއްޓާ ނުލައްވާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.

"ޖަލަށް ލިޔަސް ވެސް ހެޔޮ، 40 އަހަރު އޮވެފައި ވެސް ނިކުމެ ކުރާނީ ރައީސް ޔާމީންގެ ހައްގުގައި މި މަސައްކަތް." ޣައްސާން ވިދާޅުވި އެވެ.

ޔާމީންގެ ހައްގުގައި ކުރާ މަސައްކަތަކީ ގައުމީ ރޫހެއްގައި ކުރާ މަސައްކަތެއް ކަމަށާއި ޕީޕީއެމްގެ ފިކުރުގެ މައި ތަނބަކީ ޔާމީން ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓާ މެދު ސުވާލު އުފެދޭ ކަންކަން ކިތަންމެ ވަރަކަށް ހުއްޓަސް، އިދިކޮޅުން މަޖިލީހުގައި އެ ބަޖެޓަށް ވޯޓު ދިނީ ވެސް ޖަލުގައި ހުންނަވައިގެން ޔާމީން ނިންމެވި ނިންމެވުމަކުން ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީން އިދިކޮޅުގައި ހުންނަވައިގެން ދެއްކެވި މިސާލާއި ވެރިކަމުގައި ދެއްވި އިރުޝާދާއި އަދި މިވަގުތު ހުރަގޭގައި ހުންނެވިއިރު ނިންމެވި ނިންމެވުމާ އެއްގޮތަށް ކުރި ކަމެއް." ޣައްސާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިރޭގެ ރެލީގައި ވިދާޅުވީ ޔާމީން މިނިވަން ކުރަން ކުރަންޖެހޭ މަސައްކަތްތައް އިދިކޮޅު ކޯލިޝަނުން ހުއްޓާނުލާނެ ކަމަށާއި އެއީ ސަރުކާރުގެ ނުފޫޒު އޮވެގެން ކުރި ހުކުމެއް ކަމަށެވެ. އަދި ޔާމީން މިނިވަން ކުރުމަށް ފަހު މި ސަރުކާރަށް އެކަން ދައްކާނެ ކަމަށާއި ކުރިއަށް އޮތް އެއް މަސް ތެރޭގައި ޔާމީން ގެއަށް ބަދަލު ކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި. ގިނަވެގެން ޖެނުއަރީ 6 ގެ ކުރިން އިރާދަކުރެއްވިއްޔާ ރައީސް ޔާމީން އަޅުގަނޑުމެން ޔާމީން ގެއަށް ބަދަލު ކުރާނަން." ޝިިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެފައިވާ އެއްވެސް ވައުދެއް ފުއްދިފައިނުވާ ކަމަށާއި އަދި އަންނަ އަހަރުގެ ބަޖެޓްގެ ބޮޑު ބައެއް ހިލޭ އެހީގެ ގޮތުގައި ހޯދަން ހިމަނާފައިވާއިރު، އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުލަތުގެ ބަޖެޓުން އެއްވެސް ކަމެއް ރައްޔިތުންނަށް ޚަރަދު ނުކުރާ ކަމަށާއި ހުރިހާ ކަމެއް ކުރަނީ ބޭރު ގައުމުތަކުން ދޭ ހިލޭ އެހީން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ސަރުކާރުގެ މާލިއްޔާއިން ހޭދަކޮށްލައިގެން މިސްކިތެއް ސާފުކޮށްލާ ވަރެއް ނުވޭ. މިސްކިތެއްގެ ކާޕެޓް ބަދަލުކޮށްލެވޭ ވަރެއް ނުވޭ. ހަމަ މިދެންނެވި ގައުމުން މި ޖެހެނީ މިސްކިތްތަކުން ކާޕެޓް ބަދަލު ކުރަން." ޝިޔާމް ވިދާޅުވި އެވެ.

އެ ރެލީގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރު އައުމަށް ފަހު އެންމެ ފުރަތަމަ ކުރި ކަމަކީ ޖުޑިޝަރީ ފުނޑާލުން ކަމަށާއި އިސްލާމީ ޝަރީއާ ކިޔަވައިގެން ތިއްބެވި ފަނޑިޔާރުން އެއް ފަރާތް ކުރަމުންދާ ކަމަށެވެ. އެކަން ކުރަމުންދަނީ ބޭރު ގައުމުތަކުން ބޭނުންވާ ގޮތަށް ކަމަށާއި އަދި މިހާރު ފަނޑިޔާރު ކަމަށް އައްޔަން ކުރަމުން ދަނީ ސަރުކާރުން ރުހޭ ބައެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޚާއްސަކޮށް ސުޕްރީމް ކޯޓުގައި ތިއްބެވި އިސްލާމީ ޝަރީއާ ކިޔަވާ ވިދާޅުވެގެން ތިއްބެވި ހުރިހާ ފަނޑިޔާރުން މިހާރު ބޭރުކޮށް ނިމުނީ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާރު ފެނިގެންދަނީ ދީނާ އިލްމުވެރިންނަށް އަމާޒު ކުރަމުންދާ މަންޒަރު ކަމަށާއި އެތައް އިލްމުވެރިިންތަކެއް ހިމެނޭ ސަލަފް ޖަމްއިއްޔާ އުވާލަން ކުރާ މަސައްކަތަކީ އޭގެ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެއީ އިސްލާމްދީން ފޮހެލުމަށްޓަކައި އެހެން ބައެއް ގައުމުތަކުގައި ކޮށްފައި ހުރި ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.