މުޒާހަރާ އިން ފުލުހުންގެ ބަންދަށް ގެންދިޔަ ފަސް މީހަކު ދޫކޮށްލައިފި

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީސް ކުރިމަތީ ބާއްވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ އެއްވުމުގައި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވ އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އަދި ނުގެންދާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ބަންދުގައި 24 ގަޑިއިރަށްވުރެ ގިނަ އިރު ބޭތިއްބޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިފަހުން މުޒާހަރާއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް މީހަކު 24 ގަޑިއިރަށް ވުރެ އިތުރަށް ބަންދުގައި ބަހައްޓާފައެއްނުވެ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ހުކުމާ އެކު، އެމަނިކުފާނު މާފުށީ ޖަލަށް މިހާރު ގެންގޮސްފައިވާއިރު، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.