ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކޮށްފި

ލޯކަަލް ކައުންސިލްތަކުގެ ދައުރު ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލްގައި ހިމެނޭނީ އެ ކައުންސިލް ނިސްބަތްވާ ރަށުގެ ރައްޔިތުން ދިމިގްރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން ކައުންސިލަށް އިންތިހާބު ކުރާ މެމްބަރުން ކަމަށް ބުނެފައިވެ އެވެ.

އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބު ކުރާނީ އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުން ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލުގައިވެ އެވެ.

ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަން ވާނީ ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގަ އެވެ.

ގާނޫނުއަސާސީ އަށް ބަދަލު ގެނައި އިރު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވި ބިލް ވަނީ ފާސްކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭނެ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށް ވާ ފައިސާ ދިނުން ހިމެނެ އެވެ.

ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖައްސަން ވެސް ބިލްގައިވެ އެވެ. ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމެވެ.