ޕީޖީއަކަށް ޝަމީމް އައްޔަން ކުރައްވައިފި

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މިއަދު އައްޔަން ކުރައްވައިފި އެވެ.


ޝަމީމް، އެ މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް އޮފީހުގައި ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތު ގައި ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

ޝަމީމް، ޕީޖީގެ މަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. އޭނާ އެމަގާމަށް އައްޔަންކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޝަމީމާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ޝަމީމް ވަނީ އިނގިރޭސި ވިލާތުގައި ތައުލީމް ހާސިލް ކުރައްވައި ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާ އިން މާސްޓަސް ނަންގަވައިފަ އެވެ. އަދި މިސްރުގެ އަޒްހަރު ޔުނިވަސިޓީން ބެޗްލަސް އޮފް އާޓްސް ހާސިލް ކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާ އިންނެވެ. އެޓާނީ ޖެނެރަލް އޮފީހާއި ޕީޖީ އޮފީހުގައި އިސް މަގާމުތަކެއް ފުރުއްވި ޝަމީމް ވަނީ އެމްޕްލޮއިމަންޓް ޓްރައިބިއުނަލާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ކްލެމެންސީ ބޯޑުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. މިހާރު އަމަލުކުރާ ގާނޫނު އުގޫބާތު ހެދިއިރު ކޮންސަލްޓަންޓެއްގެ މަގާމުވެސް އަދާކުރެއްވި އެވެ.

ޕީޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޝަމީމްއާ އެކުގައި އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅުގައި ވަނީ ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.