ސާކްގެ ނިންމުންތަކުން ނަތީޖާ ނެރެން ޖެހޭ: ރައީސް

ސާކްގެ ނިންމުންތަކުން މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.


"ސާކް ޗާޓާ ޑޭ" ގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވީ ސާކް އުފެދުމަށްފަހު މިވީ ދުވަސްތަކުގައި ސާކުގެ ޗާޓަރުގައި ފާހަގަކޮށްފައިވާ މުހިންމު ދާއިރާތަކުން ގައުމުތަކުން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ސާކް އުފެދުނުތާ 35 ވަނަ އަހަރު މިއަދު ފާހަގަ ކުރަމުންދާ އިރު، ރާއްޖެއިން ސާކްގެ މިނިސްޓާސް އޮފް އެޑިއުކޭޝަން/ ހަޔާ އެޑިއުކޭޝަންގެ ތިންވަނަ ބައްދަލުވުމާއި އާޓިސްޓް ކޭންޕާއި ކުރެހުންތައް ދައްކާލުމުގެ މައުރަޒާއި، ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްނެގުމާއެކު ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއިބެހޭ ގަވާނިންގ ބޯޑުގެ ބައްދަލުވުން މިއަހަރުގެ ތެރޭގައި ބާއްވާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ސާކްގެ ނިންމުންތައް ނިންމުމުގެ މަރުހަލާ މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ހަރަދުކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށްކުރިއަށް ގެންދަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ސާކްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ގައުމުތަކުގެ މެދުގައި ގުޅުންތައް އިތުރުކޮށް ފަންނީ ގޮތުން އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސާކް ގައުމުތަކުގެ މެދުގައި އިގްތިސާދީ ކަންކަން ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލެވި މުޅި ސަރަހައްދުގެ އިގްތިސާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖްގައި ސާކް އުފެއްދުމުގެ ތަސައްވުރު ގެންނެވި ބޭފުޅުންގެ އެ މުހިންމު ވިސްނުން ފުޅު ފާހަގަކުރައްވައި ވަކިން ޚާއްސަ ގޮތެއްގައި ސާކް އުފެއްދުމުގައި ހިމެނިވަޑައިގެންނެވި އެއް ފަރާތް ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް، ސަރަހައްދީ ތަރައްގީއަށް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރެއްވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް ދިވެހި ސަރުކާރުން ސާކް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.