ގާސިމްގެ މަރަށް ހަފުތާއެއް: ގާތިލުން ނުހޯދޭ!

ޓެކްސީ ޑުރައިވަރެއް ކަމަށްވާ ގާސިމް ހަސަނަށް ހުޅުމާލޭގެ އަނދިރި މަގެއްގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލިތާ ހަފްތާއެއް ވީއިރު އަދިވެސް ގާތިލުން ތިބީ މިނިވަންކަންމަތީ ދޫވެފަ އެވެ. އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރު ފާޅުކޮށް، ފުލުހުންނަށް ފާޑުކިޔަމުންނެވެ.


"...ރައްޔިތުން މިތިބީ ވާނުވާގައި. ވަރަށް ދެރަވެފައި. ޕޮލިހުން ތިހާ ފަސޭހަކޮށްލައިގެން ތިބެގެން ނުވާނެ. މީހެއް މަރާލުމަކީ ހިތާމަ ހުރި ކަމެއް،" ރާއްޖޭގައި މި އަހަރު މަރާލި ފުރަތަމަ މީހާއާ ގުޅޭ ގޮތުން ޒޫމާން ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ކަންބޮޑުވުން ފާޅުކޮށް އާންމު މީހަކު ކުރި ޓްވީޓެއް--

އެންމެންގެ ސުވާލަކީ ގާސިމަށް ހަމަލާދީިފައި ވަނީ ކޮން ބައެއް، ކޮން ސަބަބަކާ ހެދި ބާ އެވެ؟ އޭނާގެ އެކުވެރިން ބުނާ ގޮތުގައި ގާސިމަށް އެފަދަ ހަމަލާއެއް ދޭން ޖެހޭނެ ސަބަބެއް އެ މީހުންނަށް އެނގިފައެއް ނެތެވެ.

"މިކަމާ ގުޅިގެން ޗެކް ޕޮއިންޓްތައް ގިނަކޮށް ކިތައް މީހުން ހިފަހައްޓާ ޖޫރިމަނާ ކުރެވިއްޖެބާ؟،" މިދިޔަ ބުދަ ދުވަހުގެ ރޭ މަރާލި ގާސިމާ ގުޅޭ ގޮތުން އަޒްހަދު އަހުމަދު ކިޔާ މީހަކު ކުރި ޓްވީޓެއްގައި ލިޔުނެވެ.

އާންމު މީހަކު ކޮށްފައިވާ ޓްވީޓެއް--

ގާސިމް، 59، ގެ ގާތިލުން ނުހޯދި ލަސްވުމުން އޮތް ބިރުވެރި ކަމަކީ ކުށްވެރިން މިނިވަންކަން މަތީ މުޖުތަމައުއަށް ދޫވެފައިވުމެވެ. މީހުން މަރާފައި ފިލައިގެން އުޅެވޭ ނަމަ އެފަދަ ކުށްތައް އިތުރުވުން ކައިރި އެވެ.

"ފުލުހުންނަކީ ސްޓިކާ ޖަހާ ބައެއް ގޮތުގައި ސިފަކުރެވެނި މިކަހަލަ ކަންތަން ގިނަވީމަ. މިއަދާ ހަމަޔަށް ވެސް އެ ގަތުލާ މެދު ޗުއްފު ވެސް ބުނެނުލުމަކީ ހިތާމަ ހުރިކަމެއް. އަބަދު ކިޔަނީ ތަހުގީގުކުރަނީއޭ. ތީތޯ ތި ބޭފުޅުންގެ ޒިންމާ އަކީ؟ ތީ ޒިންމާއިން ރެކެން ކިޔާ އެއްޗެއް." މޯޑްގެ ނަމުގައި "މިހާރު" ގެ ހަބަރަކަށް ކޮށްފައިވާ ކޮމެންޓެއްގައި ވެ އެވެ.

ކުދިކުދި މައްސަލަތަކުގައި ގަރާރު ހުށަހަޅައިގެން ބަހުސްކުރާ ރައްޔިތުންގެ މަޖިލީހުން މި މައްސަލާގައި ވާހަކަ ނުދައްކާތީ ވެސް ބައެއް މީހުން ފާޑުކިޔަ އެވެ. އެއްބައެއްގެ ސުވާލަކީ އެ މަަރު ބޮޑު މައްސަލައަކަށް ނުވަނީ ނިކަމެއްޗަކަށް ވީމާތޯ އެވެ.

"މަޖިލީހުން މިކަމުގައި އަޑުއުފުލާނެ މީހަކު ނުވި. އިންސާނީ ހައްގު ވެސް ހައްގު ވަނީ ވަކި ބަޔަކަށް. މިފަހަރު ތިލަފަތް ޕާޓީ [އެމްޑީޕީ] ކޮބާ؟" އެހެން ކޮމެންޓެއްގައި ބުނެފައިވެ އެވެ.

މިދިއަ ހަފުތާގައި ރައްޔިތުންގެ މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

އެކަހެރި ހިސާބެއް

އޭގެ އަނެއް ކޮޅު ވެސް އެބަ އޮތެވެ. ގާސިމް މަރާލާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ރީތިގަސް މަގާ ގުޅިފައި އޮންނަ ހަނި ގޯޅިއެއްގެ ތެރޭގަ އެވެ. އެއީ މީހުން ނޫޅޭ އަދި ސަލާމަތީ ކެމެރާއެއް ވެސް ނެތް ސަރަހައްދެކެވެ. އެހެންކަމުން ތަހުގީގަށް ކުރިމަތިވާނެ ގޮންޖެހުންތައް ގިނަވާނެ އެވެ.

ކުރިން ފުލުހުންގެ އިސް މާގުތަކެއް ފުރުއްވާފައިވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ އެކަށީގެންވާ މަސައްކަތް ކުރެވިއްޖެ ނަމަ ހާދިސާ ހިނގިތާ 24 ގަޑިއިރުގެ ތެރޭގައި އެކަން ކުރި ބަޔަކު ދެނެގަނެވޭނެ ކަމަށެވެ. މީހުން ނޫޅޭ ސަރަހައްދަކަށް ވީ ނަމަވެސް ކުށްކުރި ތަނުގައި ހޯދޭނެ ހެކިތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަނުގައި ކެމަރާ ނެތަސް އެ ކާރު އެ ހިސާބަށް ދާނީ ރަށު ތެރޭގައި ދުއްވާފައިތާ. އެހެންވީމަ އެ ހިސާބުތަކުގެ ފްޓޭޖުން ވެސް ދެނެގަނެވޭނެ އެކަމުގައި އުޅުނު ބައެއް،" އޭނާ ވިދާޅުވި އެވެ.

"އެ ސަރަހައްދުގައި އޭރު ގެންގުޅުނު ފޯންތައް ޓްރެކް ކޮށްގެން ވެސް ބެލިދާނެ. ސީންގައި ވެސް ހުންނާނެ ހޯދޭނެ ހެކި."

ގާސިމް މާރާލީ ކަރަށް ވަޅިއެއް ހަރާފައި ކަމަށް ލަފާކުރެވެ އެވެ. އޭނާ އަތްތިލަ ވެސް ކަފައިގެން ގޮސްފައި ހުއްޓެވެ. ބެލެވޭ ގޮތުގައި އެއީ ވަޅި ހެރުމުން ނައްޓާލަން، ނުވަތަ ހެރިޔަ ނުދީ ހިފަހައްޓަން އުޅުމުން ލިބުނު ޒަހަމްތަކެވެ.

ގާތިލުން ދިޔައީ ވަޅި ހިފައިގެންނެވެ.

ގާސިމް މަރާލާފައި އޮއްވައި ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި ބޭއްވުމަށް ފަހު މިހާރު ވަނީ ހުޅުވާލައިފަ އެވެ.