މަރުވެފައި އޮއްވައި ޓެރަސްމަތިން ފެނުނީ ކާކުކަމެއް އަދިވެސް ނޭނގޭ

ގެއެއްގެ ޓެރަސްމަތީގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނު ފިރިހެން މީހާއަކީ ކާކުކަމެއް އަދި ވެސް ދެނެނުގަނެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މއ. ޓޮމާޓޯގޭގެ ޓެރަސްމައްޗަށް މީހަކު ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ 11:30 ހާއިރެވެ. އެތަނަށް ފުލުހުން ދިޔައިރު އޭނާގެ އަނގައިން ހުރީ ފޮނުއަރައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެއްޓިފައި އޮއްވައި ފެނުނު މީހާ ދެނެގަތުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.

އޭނާގެ ހަށިގަނޑު ބާއްވާފައި އޮތް ތަނެއް ނޭނގެ އެވެ.

އެ ގޭގެ ފުރަތަމަ ފަންގިފިލާ ހުންނަނީ ކެފޭއެއް ހިންގަން ކުއްޔަށް ދީފަ އެވެ. ދެ ވަނަ ފަންގިފިލާ ކުއްޔަށް ދޫކޮށްފައި ހުންނައިރު އާއިލާ މީހުން ދިރިއުޅެނީ ތިން ވަނަ ފަންގިފިލާގަ އެވެ.