ބޯކޮށް ވާރޭވެހި މާލެ ފެނުއަޑީގައި

މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހި މަގުތަކުގައި ބޮޑުވެއްޖެ އެވެ. އެމްއެންޑީއެފް އިން މިހާރުވަނީ ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ ފެން ހިންދުމުގެ މަސައްކަތް ކުރަން ފެށީ އައިޖީއެމްއެޗް ސަރަހައްދުންނާއި ވެސްޓް ޕާކް ސަރަހައްދުން ކަމަށެވެ.

މާލެ އަށް ވާރޭ ވެހެން ފެށީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ. އާންމުކޮށް ފެންބޮޑުވާ މަގުތަކުގެ އިތުރުން އެހެން މަގުތަކުގައި ވެސް މިއަދު ވަނީ ފެންބޮޑުވެފަ އެވެ. ބައެއް މަގުތަކުގައި ހެދިފައިވާ ފެންގަނޑު ކަށިމައްޗާ ހަމައަށް އަރަ އެވެ. އަދި ގޭގެ އަށް ފެންވަންނާތީ ދޮރުކުރިމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް މީހުން އަންނަނީ ކުރަމުންނެވެ.

މާލެއަށް މިއަދު ވެހުނު ވާރޭގައި މަގުތައް ފެންބޮޑުވެފައި ވަނިކޮށް ބަޔަކު މަގު ހުރަސްކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވާރޭ ވެހެން ފަށާއިރަށް މާލޭގައި ފެންބޮޑުވުމަކީ، ދާއިމީ ހައްލެއް ހޯދިފައި ނުވާ މައްސަލައެކެވެ. މި ކަމަށް ހައްލެއް ހޯދަން މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފަށާފަ އެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ މާލެ އަތޮޅާއި ދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ވެސް މިއަދު ހެނދުނު ނެރެފަ އެވެ. އެތަނުން ބުނީ ހެނދުނު 11:30 ގެ ނިޔަލަށް އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.

މެޓް އޮފީހުން ކުރި ޓްވީޓެއް

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މި ދުވަސްވަރު ރާއްޖެ އަށް ވާރޭ ވެހެނީ މި ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާނެ ކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާ އިރު މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ. އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުކޮށް، ދިޔަވަރު ބޮޑުވާ ވަގުތު ދެކުނާއި މެދުތެރޭގެ ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށެވެ. އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ކަނޑުގަދަ ވާނެތީ، ކަނޑު ދަތުުރުކުރާ މީހުން އެކަމަށް ސަމާލުކަން ދިނުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރި އެވެ.