ފަނޑިޔާރަކަށް އައްޔަން ކުރެއްވުމާ އެކު ސުއޫދު ޓުވިޓާއާ ދުރަށް

ސޯޝަލްމީޑިއާގައި އެކި މައްސަލަތަކާ ގުޅިގެން ޚިޔާލުފާޅުކުރައްވައި ގާނޫނީ ބަހުސްތަކުގައި ރައުޔު ވިދާޅުވަމުން ގެންދެވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު، އޭނާގެ ޓުވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރައްވައިފި އެވެ.


ސުއޫދު، ޓުވިޓާއާ ދުރަށް މިވަޑައިގަތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމާ އެކުގަ އެވެ. އޭގެކުރިން އޭނާ ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ ރައީސްގެ މަގާމުގަ އެވެ.

ޓުވިޓާގައި ހަރަކާތްތެރި ސުއޫދު އޭރު ގެންދެވީ ކޮމިޝަނުން ބަލާ މައްސަލަތަކުގައި އާއްމުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. އަދި ކޮމިޝަންގެ މަސައްކަތްތަކަށް އަމާޒުކުރި ފާޑުކިއުންތަކަށް ވެސް ރައްދު ދެއްވި އެވެ.

ގާނޫނާ ޚިލާފަށް ހިނގާ ކަންކަމުގައި ވެސް ސުއޫދު އޭނާ ދެކެވަޑައިގަންނަވާ ގޮތް، ގިނަ ބަޔަކު ފޮލޯކުރާ އެ އެކައުންޓް މެދުވެރި ކުރައްވައި ހާމަކުރެއްވި އެވެ.

ސުއޫދު ޓުވިޓާއާ ދުރަށް ވަޑައިގަތްއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވާނީ އެ މީހުންގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާއްމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަށް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވެ އެވެ. ފަނޑިޔާރުން، އާއްމު ރައްޔިތުންނާ ގުޅުން ބަހައްޓަން ވާނީ އެކަމުގެ ސަބަބުން ވަކި ފަރާތަކަށް ހާއްސަ ކަމެއް ނުވަތަ ތައައްސުބެއް އޮންނަކަން ދޭހަ ނުވާ ގޮތަށެވެ. ފަނޑިޔާރުން، އެއްވެސް ފަރާތަކަށް ގާނޫނީ ލަފާ ދިނުން ފަދަ މަސައްކަތް ކުރުން ވެސް މަނަލެވެ.

އެކަމަކު، ޝަރުއީ ދާއިރާ ކުރިއަރުވަން ކުރަން ޖެހޭ ކަންކަން ކުރުމާއި ކިޔަވައި ދިނުމާއި ފޮތް ލިއުމާއި މަޒްމޫން ލިއުން ފަދަ އިލްމީ މަސައްކަތްތައް ކުރެވިދާނެ އެވެ. ސުއޫދަކީ، އިލްމީ ދިރާސާތައް ކުރައްވައި ފޮތް ލިއުއްވާ ބޭފުޅެކެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާންއާ އެކު އެ ހުރިހާ ބޭފުޅުން އައްޔަންކުރީ މި ސަރުކާރުގަ އެވެ.