އެމްއެންޔޫގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރު ފަށާ ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މާދަމާ މާލޭގެ އެކި ސަރަހައްދުތަކުގައި ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް ބުނެފި އެވެ.


ވެލާނާގެ އާއި އައިޖީއެމްއެޗާއި އެމްއެންޔޫ ބިޒްނަސް ސްކޫލް އަދި ވިލިނގިލި ފެރީ ޓާމިނަލް ކައިރީގައި ހަރަކާތްތެރިވާ ޓީމުތަކުން ކޯސްތަކުގެ މައުލޫމާތު ދޭނެ އެވެ. ވެލާނާގެ ކައިރި ފިޔަވައި އެހެން ތަންތަނުގައި މި ހަރަކާތްތައް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށް ދާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ. ވެލާނާގެ ކައިރީގައި މިކަން ކުރިއަށް ގެންދާނީ ހަވީރު 3:00 އާ ހަމައަށެވެ.

އަންނަ ފެބްރުއަރީ މަހު ފަށަން ނިންމާފައިވާ 110 ކޯހާ ގުޅޭ މައުލޫމާތު މި ހަރަކާތުގައި ފޯރުކޮށްދޭނެ އެވެ. އަދި ކެރިއާ ގައިޑެންސްގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ފައުންޑޭޝަން ކޯސްތަކުން ފެށިގެން ޕީއެޗްޑީ ލެވެލްގެ ކޯސްތައް ކިޔެވުމުގެ ފުރުސަތު އެމްއެންޔޫ އިން ލިބެ އެވެ. އެ ޔުނިވާސިޓީން ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ފައުންޑޭޝަން ސްޓަޑީސް އާއި ސައިކޮލޮޖީ އާއި ހެލްތު ސައިންސަސް އާއި ޖާނަލިޒަމް އާއި ލެންގުއެޖާއި ޕޮލިޓިކަލް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ އިތުރުން އިސްލާމިކް ސްޓަޑީޒް އާއި ބިޒްނަސް މެނޭޖްމެންޓު ހިމެނެ އެވެ.