ފައިދާ ބޮޑީ ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލުން ހިންގުން: އޮޑިޓް

އާ ސީ ޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ހެދި ޚާއްސަ އޮޑިޓުގައި، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެ ތަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގުން ކަމަށް ލަފާ ދީފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލާ ގުޅޭ އޮޑިޓެއް ހެދީ މާލިއްޔަތު ކޮމިޓީން އެދިގެންނެވެ. އާ ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭ ކަމުގެ އަޑު ފެތުރި، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލަ މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުންނެވެ.

އާ ޓާމިނަލް ހިންގުން، ޓީއެމްއޭއާ ހަވާލުކުރަން އުޅޭ ކަމުގެ ތުހުމަތުތައް އެމްއޭސީއެލް އިން އޮތީ ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެފަދަ ވިސްނުމެއް އެ ކުންފުންޏަކުން ނުގެންގުޅެ އެވެ. އެ ޓާމިނަލް، މިހާރު ސީޕްލޭން ދުއްވާ ހުރިހާ އޮޕަރޭޓަރުންނަށް ވެސް ބޭނުންކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.

އަލަށް ހަދާ ސީޕްލޭން ޓާމިނަލް. -- ފޮޓޯ: އެމްއޭސީއެލް

ޓީއެމްއޭގެ އިތުރުން މޯލްޑިވިއަން އާއި މަންތާ އެއާ އަދި ފްލައިމީން ވެސް ސީޕްލޭންގެ ވިޔަފާރީގެ ތެރެއަށް ވަނީ ވަދެފަ އެވެ. އެކަމަކު އެ ދާއިރާގައި އޮތް ކަންބޮޑުވުމަކީ، އެއް ކުންފުންޏަކަށް މުޅި ޓާމިނަލް ހިންގަން ދިނުމުން، އެހެން ކުންފުނިތަކަށް ނުލިބޭ ބޮޑެތި އެޑްވާންޓޭޖްތަކެއް، ޓާމިނަލް ހިންގާ މައި ކުންފުންޏަށް ލިބޭނެތީ އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު، މާލިއްޔަތު ކޮމިޓީ އަށް ފޮނުއްވި އޮޑިޓް ރިޕޯޓުގައިވާ ތަފްސީލްތަކެއް، އޮޑިޓް އޮފީހާއި މާލިއްޔަތު ކޮމިޓީން ވެސް އަދި އާއްމެއް ނުކުރެ އެވެ.

އެކަމަކު "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އާ ސީޕްލޭން ޓާމިނަލް ހިންގިދާނެ ހަތަރު ގޮތެއް އޮޑިޓަ ޖެނެރަލް ވަނީ ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި، އެމްއޭސީއެލް އިން އެކަނި ހިންގުމާއި މިހާރު ވެސް ހިންގަމުން އަންނަ ގޮތަށް ޓީއެމްއޭ އާއި މަންތާ އާއި ވިލާ އަދި އައިލެންޑް އޭވިއޭޝަނަށް ކުއްޔަށް ދޫކޮށްގެން ހިންގުން ވެސް ހިމެނެ އެވެ.

އެކަމަކު އެ ހުރިހާ ގޮތެއްގެ ތެރެއިން ވެސް ދައުލަތަށް އެންމެ ފައިދާ ބޮޑު ކަމަކަށް އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ، އެމްއޭސީއެލް އިން ހިންގުމެވެ. އެގޮތަށް ހިންގުމުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުތައް ވެސް އެ ރިޕޯޓުގައި ހިމަނާފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ.

ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، އާ ޓާމިނަލް ހަމައެކަނި ޓީއެމްއޭއާ ހަވާލުކުރުމުން، ވާދަވެރިކަމަށް ބުރޫއަރާނެ އެވެ.

ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. މިހާރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލް ކުރަނީ އެމެރިކާގެ ބައިން ކެޕިޓަލާއި ޗައިނާގެ ޓެމްޕަސް ގްރޫޕުންނެވެ. ކުރިން އެމެރިކާގެ ބްލެކް ސްޓޯން އިން ކޮންޓްރޯލްކުރި މެޖޯރިޓީ ހިއްސާ ބައިން އާއި ޓެމްޕަސް ގުޅިގެން 2017 ގައި ގަތީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ކަމަށް އެ ދުވަސް ވަރު މީޑިއާތަކުން ޚަބަރު ފެތުރި އެވެ.

މިއީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކާ ގުޅިގެން މިހާތަނަށް ކުރި އެންމެ ބޮޑު މާލީ މުއާމަލާތެވެ. ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ސީޕްލޭން ދުއްވާ ކުންފުނިތަކަށް ބިން ކުއްޔަށް ދީގެން، އެ ފަރާތްތަކުން އަމިއްލައަށެވެ. އެގޮތުން އެމްއޭސީއެލުން އަކަމީޓަރަކަށް ޗާޖުކުރަނީ ނުވަ ޑޮލަރު (138ރ) އެވެ. އެ ޓާމިނަލްތައް ހަދާފައި ވަނީ ވެސް ކުންފުނިތަކުން އަމިއްލައަށެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ވާދަވެރި ވިޔަފާރިއެއް ކުރިއަށް ގެންދެވޭނީ އެއް ބަޔަކަށް ހުރިހާ ކޮންޓްރޯލެއް ނުދީ، ސަރުކާރުން ވެސް އެކަމުގައި ރަނގަޅު ސިޔާސަތެއް ގެންގުޅެގެންނެވެ. އެ ނަޒަރުން ވިސްނާ އިރު އާ ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް، އެމްއޭސީއެލް ނޫން ބަޔަކަށް ގޮސްގެން ނުވާނެ ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.