އުސޫލާ ޚިލާފަށް އެމްޕީއެލްއިން 86 މިލިއަން ރުފިޔާގެ މުދާ ގަނެފައިވޭ: އޮޮޑިޓް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބީލަމަކަށް ނުގޮސް އަދި އުސޫލުތަކާ ޚިލާފަށް 86 މިލިއަން ރުފިޔާގެ މުދަލާއި ތަކެތި ހޯދާފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.


އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި އެމްޕީއެލްގެ ޚާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2015 އިން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެމްޕީއެލްއަށް މުދަލާއި ތަކެތި ގަނެފައިވާ ގޮތް ބެލިއިރު، ވާދަވެރި ބީލަމަށް ދާން ޖެހޭ ހާލަތްތަކުގައި ވެސް އާންމު އިއުލާން ކުރުމެއް ނެތި އަދި ބީލަމަށް ދިއުމެއް ނެތި މުދަލާއި ތަކެތި ގަނެފައިވާ ކަމަށެވެ. އެގޮތުން އެކި ބޭނުންތަކަށް 86 މިލިއަން ރުފިޔާގެ ތަކެތި ގަތީ ވަކިވަކި ފަރާތްތަކުން ކޯޓޭޝަން ހޯދައިގެން ކަމަށާއި އޭގެ ތެރެއިން 62 މިލިއަން ރުފިޔާގެ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ކަނޑައެޅީ އެމްޕީއެލްގެ ބޯޑުން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުން އެމްޕީއެލްއިން އޭރު ގެންގުޅުނު ގޯސް ބައެއް އަމަލްތަކުގެ މިސާލު ވެސް ނެގެން އެބަ އޮތެވެ. އޭގެ ތެރޭގައި ބައެއް ތަކެތި ގަތީ ކުއްލި ހާލަތްތަކުގައި ބީލަމަށް ނުގޮސް ތަކެތި ހޯދޭ ގޮތަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެމްޕީއެލްއިން ބުންޏަސް، އެފަދަ ހާލަތެއް ނެތްކަން، އޮޑިޓުން ހާމަވުން ހިމެނެ އެވެ.

ރިޕޯޓްގައި ބުނާ ގޮތުގައި ވާދަވެރި ބީލަމަކަށް ދާނެ ފުރުސަތު އޮތެވެ. އެހެންކަމުން އެ ފުރުސަތުގެ ބޭނުންނުކޮށް ތަކެތި ގަނެފައި ވަނީ ވަކި ފަރާތްތަކަކަށް އެ މަސައްކަތް ހަވާލުކުރުމުގެ ގޮތުން ކަމަށް ބެލެވޭތީ އެކަން ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ރިޕޯޓުގައި އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.

ތިލަފުށިން ދެ ބިން ހޯދަން ދެ ކުންފުންޏަކަށް 13 މިލިއަން ރުފިޔާ

ރިޕޯޓްގައި ތިލަފުށިން ދެ ބިމެއްގެ ލީސް ރައިޓްސް ގަންނަން ކުރި ދެ އެއްބަސްވުމެއްގެ ވާހަކަ އޮތެވެ. އެ ރައިޓްސް ގަތުމަށް ދައްކަން ޖެހޭ 14.9 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެ ކުންފުންޏަށް ދޫކުރިޔަސް، މިދިޔަ އަހަރުގެ ނިޔަލަށް އެ ބިންތަކުގެ ބޭނުން އެމްޕީއެލް އިން ހިފާފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ. އެތަންތަނުގެ ލީސް ރައިޓްސް ގަތުމަށް އެމްޕީއެލް އިން އެއްބަސްވީ ތިލަފުށީ ކޯޕަރޭޝަނުން އެ ދެ ކުންފުންޏަށް އެ ބިން ދޫކުރި އަގުތަކަށާއި އެއްބަސްވުންތަކުގެ ބާކީ ހުރި މުއްދަތުތަކަށް ވެސް ރިއާޔަތް ނުކޮށް ކަމަށް ރިޕޯޓްގައި ބުނެ އެވެ.

އޭގެ ތެރެއިން އެއް ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ، އެމްޕީއެލްއިން ދެއްކި އެވެ. ނަމަވެސް ތަނުގެ ލީސް ރައިޓްސް އެމްޕީއެލްގެ މައްޗަށް ބަދަލު ކޮށްފައި ނުވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އޮޑިޓުން ދައްކާ ގޮތުގައި އެކަމުގައި އެމްޕީއެލްއިން އަމަލުކުރީ ބިމުގެ އަގުތައް އެކަށީގެންވޭތޯ ބެލުމެއް ނެތި ކަމަށް ވާތީ އެ މައްސަލަ ތަހުގީގު ކުރަން ވެސް އޭސީސީއަށް ހުށަހަޅަން އެ ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.

ލޭންޑިން ކްރާފްޓަށް ދެއްކި 6 މިލިއަން ރުފިޔާގެ އެޑްވާންސް ނުލިބޭ!

ސިންގަޕޫރު ކުންފުންޏަކަށް އޯޑަރު ދީގެން ގެނައި ލޭންޑިން ކްރާފްޓެއްގެ ފެންވަރު ދަށްވެ، އެ ގަބޫލުކުރަން އެމްޕީއެލްއިން ދެކޮޅު ހެދިޔަސް އެޑްވާންސަށް ދެއްކި 6.8 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށް ރިޕޯޓްގައި ވެ އެވެ.

އެ އުޅަނދު އިންޑޮނީޝީއާގައި އޮތް އިރު އޭގެ އިންސްޕެކްޝަން ހަދާ، ހުރިހާ ކަމެއް ރަނގަޅު ކަމަށް ނިންމީ އެމްޕީއެލްގެ ދެ މުވައްޒަފެކެވެ. ނަމަވެސް އުޅަނދު ގެނައި އިރު، ކަނޑައެޅި މިންގަނޑުތަކަށް ނުފެތެ އެވެ. އެހެންކަމުން އެ ގަބޫލުކުރަން އެމްޕީއެލް އިން ދެކޮޅުހެދި އެވެ.

އޮޑިޓްގައި ލަފާދީފައި ވަނީ އުޅަނދު ރާއްޖެއިން ބޭރުގައި އިންސްޕެކްޓް ކުރި މުވައްޒަފުންގެ އިހުމާލު އޮތް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރާށެވެ.

މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި އުސޫލާ ހިލާފަށް 37 މިލިއަން

އެމްޕީއެލްގައި ކޮރަޕްޝަނުގެ ގިނަ އަމަލްތަކެއް ހިންގަމުން އައި ކަން، ކުރިންސުރެ ތުހުމަތުކުރެވެ އެވެ. އެކަން އޮޑިޓުން ވެސް ފެންނަން އެބަ އޮތެވެ. މިސާލަކަށް އުސޫލުތަކާ ޚިލާފަށް ބައެއް މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި 37 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުން ނެގިދާނެ އެވެ.

އަނެއް މިސާލަކީ 6.9 މިލިއަން ރުފިޔާއަށް ގަނެފައިވާ ދޯންޏެއް ދެ އަހަރު ވީ އިރު ވެސް ބޭނުންނުކޮށް އޮތުމެވެ. އޭގެ އިތުރުން 22 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގެނައި ކޮންޓެއިނާ އުފުލާ އުޅަނދުތަކެއްގެ ބޭނުން ވެސް ނުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ޑޮލަރު ރޭޓަށް ވުރެ އަގު ބޮޑުކޮށް ޑޮލަރު ގަންނަން 5.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ޑޮނޭޝަން އާއި ސްޕޮންސާ ދިނުމުގައި އުސޫލުން ބޭރުން 8.91 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ރިޕޯޓުން ފެންނަން އެބަ އޮތެވެ.