ރައީސާ އެކު އިދިކޮޅު ފަރާތްތަކުން ކުރި މަޝްވަރާތައް ސިއްރެއްގެ ގޮތުގައި!

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރެއްވި މަޝްވަރާތައް ހާމަކުރަން ދެކޮޅު ހަދައިފި އެވެ.


ޔާމީން، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވުމާ އެކު، ޕީޕީއެމާއި ޕީއެންސީން ގެންދަނީ އެމަނިކުފާނު ގެ އަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެ ދެ ޕާޓީން ބުނާ ގޮތުގައި ޔާާމީން ޖަލަށް ލީ "ސިޔާސީ ދައުވާއެއް"ގަ އެވެ. ޔާމީން ޖަލުން ނެރެވޭތޯ ބޭރުގެ ޑިޕްލޮމެންޓުންނާ ވެސް ޕީޕީއެމާއި ޕީއެންސީގެ އިސްވެރިން ވަނީ ވާހަކަ ދައްކަން ފަށައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، ޕީޕީއެމް/ޕީއެންސީން ރައީސް އޮފީހުގައި މިދިޔަ އާދިއްތަ ދުވަހު ބައްދަލުވުމެއް ބޭއްވި އިރު، އެ ބައްދަލުވުމުގައި ކުރި މަޝްވަރާތަކެއް އަދިވެސް ނޭނގެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެކަމާ ގުޅޭ ގޮތުން ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ޔާމީންގެ ސިއްހީ ހާލަތާ މެދުގައި ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ތަފްސީލްތައް ލީޑަޝިޕްގެ ބޭފުޅުން ރައީސަށް ހުށަހެޅުއްވި އެވެ. އަދި ޔާމީނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަން އެނގިފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ރައީސާ ބައްދަލު ކުރެއްވުމަށް ރައީސް އޮފީސް ދޮށުގައި-- ފޮޓޯ: ސޯޝަލް މީޑިއާ

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. މި ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ޔާމީންގެ މައްޗަށް އިއްވި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު، އަދި ހައި ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތައް ނުފަށަ އެވެ.

ޔާމީނަށް ކުރި ހުކުމް ޕީޕީއެމް/ޕީއެންސީން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފުން ބޭރުން، ސިޔާސީ މަގްސަދެއްގައި ކުރި ހުކުމެކެވެ. އެހެންވެ، އެ ހުކުމް ބާތިލްކޮށް، ޔާމީން ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އިދިކޮޅުން ދެކެ އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން ކޮންމެ ރެއަކު ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގަ އެވެ. އެއީ، ޔާމީންގެ ވެރިކަމުގައި ކޯޓުތަކުން ހުކުމް އިއްވި ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ.