ޖަމީލަށް މަންޒަރު ތަފާތު: ވިދާޅުވަނީ މިއީ އިންތިގާލީ ވެރިކަމެއް ކަމަށް!

ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވާދަކުރުމުގެ މިނިވަން މާހައުލެއް، މިދިޔަ ރިޔާސީ އިންތިޚާބު ކުރިމަތިވި އިރު ރާއްޖޭގައި ނެތެވެ. ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ތިއްބެވީ ވާދަނުކުރެއްވޭ ގޮތަށް ގާނޫނީ މަޅިއެއްގައި "ބައްދައިފަ" އެވެ. އެ ހާލަތުގައި، އޮތް ހަމައެކަނި ގޮތަކީ ކޯލިޝަން އިން ސާފު ކެންޑިޑޭޓެއް ނެރެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމެވެ.


ޔާމީންއާ ދެކޮޅަށް ހުރިހާ ލީޑަރުން ގުޅިގެން މި ވެރިކަން އުފެއްދީ އެ ހާލަތުގައި، އަހުދުތަކަކާއި ވައުދުތަކަކާ ވެސް އެކުގަ އެވެ. އެއީ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމްކޮށްދިނުމާއި ކޮރަޕްޝަން ނައްތާލުމެވެ.

މި ވައުދުތަކާ އެކު ރައްޔިތުން ވޯޓުދީ ސަރުކާރަށް އަހަރެއް ވި އިރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު އަހްމަދު ވިދާޅީ "މަންޒަރު މުޅިން ބަދަލުވެއްޖެ" ކަަމަށެވެ. އެމަނިކުފާނަށް މި ވެރިކަމުގެ ގިނަ ކަންކަން ފެނިވަޑައިގަންނަވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އަމަލުކުރި ގޮތަށް ވުރެ ވެސް މާ ގޯސްކޮށެވެ.

"މިއީ ބަލަދުއަރާފައި އޮތް ވެރިކަމެއް ނޫން"!

"ތި ބޭފުޅުންނަށް ފެންނަ މަންޒަރެއް ނޫން އިނގޭތޯ އަޅުގަނޑަށް ފެންނަނީ. ތި ބޭފުޅުން މާނަކުރައްވައިގެން ނުވާނެ އަޅުގަނޑުމެން ކޮންމެހެން ހަދައިގެން ގެންގުޅެން ޖެހޭ ސަރުކާރެއްގެ ބަލަދު އަރައިގެންނޭ މި ސަރުކާރު ގެނެސްގެން މިއުޅެނީ،" މި ވެރިކަން ގެންނެވުމަށް މަސައްކަތް ކުރެއްވި އެކަމަކު މިހާރު އިދިކޮޅު ކޯލިޝަނާ އެކު ހުންނެވި ޖަމީލް ވިދާޅުވި އެވެ.

ޖަމީލް "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް އައި ވައުދުތަކާއި އަހުދުތަކާއި ޚިލާފަށް މިސްރާބު ގޯސްކޮށް ވެރިކަން ކުރަން ފެށުމުން ބަސް ވިދާޅުނުވެ ނުހުންނެވޭނެ ކަމަށެވެ. މި ސަރުކާރު ގެނައީ ހާލަތްތަކެއް މެދުވެރިވުމުން ކަމަށް ވިދާޅުވެ އެމަނިކުފާނު އިޝާރާތް ކުރައްވާ ހާލަތު ތަފްސީލްކޮށް ދެއްވި އެވެ.

"ބަޔަކަށް ކުރިމަތިލެވޭނެ ފުރުސަތެއް ނެތީ. އަޅުގަނޑަށް ހީވަނީ ރައީސް ނަޝީދު ވެސް މަޖިލީސް ތެރޭގައި އެ ދައްކަވަނީ އެ ވާހަކަ ކަންނޭނގެ. މިނިވަން ފުރުސަތުތަކެއް އޮތް ނަމަ، ނަޝީދު އެމްޑީޕީގެ ފަރާތުން ހުންނަވާނީ. 100 އިން 100 އަޅުގަނޑަށް ޔަގީންވާ ކަމެއް އެއީ،" ޖަމީލް ވިދާޅުވި އެވެ.

"ދެން ތިބި ފަރާތްތަކަކަށް ވެސް އެ ފުރުސަތެއް ނެތް. ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ވެސް ނުލިބުނު ފުރުސަތެއް ކުރިމަތިލައްވާކަށް. އެހެންވީމާ ހާލަތުތަކެއް ދިމާވެގެން އެންމެން އެކީގައި ގުޅިގެން އެ ހާލަތު ބަދަލުކުރަންވެގެން، ގެނައި ވަރަށް އިންތިގާލީ މަރުހަލާގެ ފަސް އަހަރުގެ ވެރިކަމެއް މިހާރު މިއޮތީ، ތިބޭފުޅުންނަށް ތެދަށް ދަންނަވާ ކަމަށް ވާ ނަމަ."

އެހެންކަމުން، އެއީ ތްތިލަބަޑި ޖަހާފައި މި ވެރިކަން ނަގަހައްޓަން ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ފަރާތްތަކަށް ބަލަދު އެރުމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޖަމީލް، އެ މާނަކުރައްވަނީ މި ވެރިކަމަށް ކޯލިޝަން ހަދައިގެން މަސައްކަތް ކުރިއިރު، ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ލީޑަރުންގެ މެދުގައި އެއްބަސްވުމެއް ނުވަތަ ވާހަކަ ދެކެވުނު ކަމަށްތޯ ދެންނެވުމުން ސީދާ ޖަވާބެއް ނުދެއްވި އެވެ. އެދިވަޑައިގަތީ، އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެހުމަށެވެ.

"އަޅުގަނޑާ ތި ސުވާލު ކުރެއްވުމުގެ ބަދަލުގައި ތި ބޭފުޅުން އައްސަވަން ޖެހޭނީ ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހާ،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު މި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ ވެރިކަން ފެށުނުތާ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގަ އެވެ. މިހާރު ތުހުމަތުކުރައްވާ އަދި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަންކަން އޭރު ފެންމަތި ނުވެއެއް ނޫންތޯ ދެންނެވުމުން ވިދާޅުވީ ވެރިކަން ފެށުމާ އެކު ވެސް މި ސަރުކާރުގެ މިސްރާބު ފެނިވަޑައިގަތީ ގޯސްކޮށް ކަަމަށެވެ. އޭގެ އެއް މިސާލަކީ، ޖަމީލް ވިދާޅުވި ގޮތުގައި، މަޖިލިސް އިންތިޚާބަށް އެކުގައި ވާދަކުރަން ކޯލިޝަންގެ ލީޑަރުން ވެވަޑައިގަތް ވައުދާ ދެކޮޅަށް އެމްޑީޕީން ނުކުތުމެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދާ އެއްގޮތަށް ކޯލިޝަންގެ ލީޑަރުން ގޮވައިގެން އުޅުއްވާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ.

"ދެން ބައެއް ސިޔާސީ ލީޑަރުން އެބަ ވިދާޅުވޭ ތިމަންނަމެން މިގޮތަށް ތިބޭނެއޭ. ތިމަންނަމެންނަކަށް ނުފެނެއޭ އެ ނޫން އެހެން ގޮތަކަށް މީތި ދާ ތަނެއް،" ޖަމީލް ވިދާޅުވި އެވެ.

"ކޮބައިތޯ މަޝްވަރާ ކުރަން ވެގެން ފެށި މަޝްވަރާގެ ހަމަތަކާއި، ޖެން ހޮޓަލުން ނުކުންނަވާ މަންޒަރުތައް... އެ ހުރިހާ ކަމެއް ނިމިއްޖެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ނިމިއްޖެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން ވެސް އައްޔަންކޮށް ނިމިއްޖެ. ދެން އޮތީ އެންމެ ކަމެއް، ލޯކަލް ކައުންސިލް އިންތިޚާބު. ވަލިއްލާހިލްހަމްދު."

އަޅުގަނޑަށް ފެންނަ މަންޒަރު ތަފާތު --ޖަމީލް

ޖަމީލް ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި އުޅޭ މީހުން އެކަން އިއުލާންކުރަން ޖެހޭނީ ފަސް އަހަރު ނިމެން ވީމައެއް ނޫނެވެ.

"އެންމެންނަކީ ސިޔާސީ މަސައްކަތް ކުރަން އައި ބައެއް. އެއީ ޕްރޮސެސްއެއް، އެއީ ފަސް އަހަރު ނިމެން ހަ މަސް ދުވަހަށް ވީމާ ތެދުވެ ބުނަނީކީއެއް ނޫން އޭ މިހާރު އަޅުގަނޑު ކުރިމަތިލަނިއޭ މިވެނި ކަމެއް ވެއްޖެއޭ، އެ ވެނި ކަމެއް ވެއްޖެއޭ. ނޫން، އަޅުގަނޑުމެންގެ ޒިންމާއަކީ އަޅުގަނޑުމެން ދެކޭ ގޮތްތަކާއި ނަޒަރިއްޔާތާއި ފިކުރު ގެނެސްދިނުން،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ހުންނެވީ، "މިހާރު"އަށް ދެއްވި އެއް ގަޑިއިރުގެ އިންޓަވިއުގައި ވިދާޅުވި ގޮތުގައި، "ގޯހުން ދާ ކަންކަން އެގޮތުގައި ދޫކޮށްލައި ބަސް ނުބުނާނެ" ހާލަތެއްގައެއް ނޫނެވެ.

ޖަމީލްގެ ސަބަބުތައް

ކުރީގެ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސްކަމުން ނެރެ އެއްލައިލި އެވެ. ރާއްޖޭގައި ހުންނެވުން ނުރައްކަލަކަށް ވާނެތީ، ޔާމީނަށް "ފިއްލަވައިގެން" އިނގިރޭސި ވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި އެވެ. ޔާމީންގެ ހިޔާނާތާއި އަނިޔާވެރިކަމާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ދާއިރާގައި ވެސް އަޑުއުފުއްލެވި އެވެ.

އެކަމަކު މިހާރު ޖަމީލް ވިދާޅުވަނީ "ކުރީގެ ސަރުކާރުގެ ފަސް އަހަރަށް ވުރެން ވެސް މި ސަރުކާރު ގޯސް" ކަމަށެވެ. އެއް ކަމަށް ދެއްކެވީ، އެކި ކުންފުނިތަކަށް ދައުލަތުން ބަދަލު ދެމުން އަންނަ ގޮތެވެ. ރައްޔިތުންގެ ފައިސާ، އެއްވެސް ހާމަކަމެއް ނެތި، ބަހައި ހުސްކުރަނީ ވެރިކަމާ ގުޅިފައިވާ އެކި ފަރާތްތަކުގެ ކުންފުނިތަކަށް ކަމަށް ތުުހުމަތުކުރެއްވި އެވެ.

ޖަމީލް ވިދާޅުވީ ކޮރަޕްޝަންގެ ހާލަތު ވެސް ބަދަލު ނުވާ ކަމަށެވެ. ރައީސް އޮފީހުގެ ތެރޭގައި ތިބެގެން، ގްރޭޓާ މާލެ ކުންފުނި ފަދަ ތަންތަނަށް އަތް ބާނައި ކޮރަޕްޝަނަށް މަގުފަހިކުރާ ކަމުގެ ތުހުމަތުކުރެއްވި އެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި، ވަކިވަކި ބައެއްގެ ފަހަތުން ދުވެ، އެ މީހުންނާ ދޭތެރޭގައި ގާނޫނީ އިމުން ބޭރުގައި ކަންކަން ކުރަމުންދާ ކަމުގެ މިސާލެއްގެ ގޮތުން، ދެއްކެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ދޭތެރޭގައި އަމަލުކުރި ގޮތެވެ.

ޖޭއެސްސީން ތަހުގީގު ކުރި މައްސަލައިގައި އާދަމް މުހައްމަދުގެ ވަކީލަކީ ވެސް ޖަމީލެވެ.

ޖޭއެސްސީގެ ތަހުގީގުގައި ޖަމީލް އާއި ފަނޑިޔާރު އާދަމް މުހައްމަދު. --ފޮޓޯ/މިހާރު

ހުޅުވާލައިގެން ލައިވްކޮށް ބޭއްވި ޝަރީއަތަށް އާދަމް މުހައްމަދާ އެކު އެމަނިކުފާނު ވަޑައިގަތީ، އެ ދުވަހު އޮންނާނީ އިދާރީ ކަމެއް ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ މަންޒަރު ވެސް ލައިވްކޮށް، އަމިއްލަ ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ފަނޑިޔާރަށް ނުދެއްވުމަކީ "ބޮޑާކަން ކުރިއަށް ނެރުން" ކަމަށް ވިދާޅުވި އެވެ.

"[މި ސަރުކާރު] މާ ބޮޑަށް ގޯސް... މިދިޔަ ސަރުކާރުގައި ވެސް، އޭގެ ކުރިން ރައީސް މައުމޫންގެ ޒަމާނުގައި ވެސް، ރައީސް ނަޝީދުގެ ޒަމާނުގައި ވެސް މި މިންވަރަކަށް ޓްރީޓްވެގެން ދިޔަ ތަނެއް އަޅުގަނޑެއް ނުދެކެން،" ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން ޖަމީލް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު އެ އިދާރާގެ ބޭރުގައި ޔާމީނާ އެކު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމަނިކުފާނު ވިދާޅުވީ ޔާމީންގެ ސަރުކާރުގެ ގޯސްތައް ކަަމަށް ދެއްކި ގިނަ ކަންކަން މި ސަރުކާރަށް މިހާރު ރަނގަޅުވެއްޖެ ކަމަށެވެ. އެއީ އިކޮނޮމިކް ކައުންސިލުން ކަންކަން ނިންމުން ކަމަށް ވިޔަސް ހައުސިން މަޝްރޫއުތަކާއި ނަސަންދުރަ ކުއްޔަށް ދިނުން ފަދަ ކަންކަމާއި ޗައިނާއާ އެކު އެއްބަސްވެ ހިންގި ކަންކަން ވެސް ރަނގަޅު ކަމަށެވެ. އެއްވެ އުޅުން ހަނިކޮށްގެން، ހިތްހަމަނުޖެހުން ފާޅުކުރި ބޭފުޅުން އެ އިސްލާހާ މެދު މިއަދު މާ ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތާ މެދު ކުރިން ފާޑުކީ ނަމަވެސް މިހާރު އެއީ މައްސަލައެއް ނޫން ކަމުގެ މިސާލު، ސަރުކާރާއި އެމްޑީޕީއަށް އިޝާރަތްކުރައްވައި ނެންގެވި އެވެ.

"އަޅުގަނޑަށް އެ ކަންކަން ވިސްނުނު ގޮތް ތަފާތުވީކީއެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި މިއަދު އޮތް ސަރުކާރުން އެ ކަންކަމާ މެދު ނަޒަރިއްޔާ ތަފާތުވެގެން ހިނގައްޖެ. އެއަށް ހޯދަން އުޅޭ ހައްލުތައް ތަފާތުވެގެން ހިނގައްޖެ،" ޖަމީލް ވިދާޅުވި އެވެ.