ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ހުރިހާ ދާއިރާއަކަށް ވާދަކުރަނީ

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީޕީއެމުން ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމައި، ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.


އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕީޕީއެމާއި ޕީއެންސީގެ ކައުންސިލްގެ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު، އެ ކޯލިޝަންގެ ފަރާތުން ހުރިހާ ދާއިރާއަކަށް ވެސް ވާދަކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށް ނިންމާފައިވާ ކަމަށެވެ. އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ ގިނައިން މީހުން ކުރިމަތިލާ ހުރިހާ ދާއިރާތަކެއްގައި ވެސް ޕްރައިމަރީ ބާއްވާނެ ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް އިސްތިސްނާއެއް ނެތި، ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތްތައް ކުރިމަތިވާ ހުރިހާ ދާއިރާއެއްގައި ޕީޕީއެމްގެ ފަރާތުން މިފަހަރު ޕްރައިމަރީ ބާއްވާނެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ޕްރައިމަރީ ބާއްވާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބަންދުވުމާ ހަމައަށް ޕީޕީއެމްއާ ގުޅޭ ކޮންމެ މީހަކަށް ވެސް ޕްރައިމަރީގައި ވާދަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖެނުއަރީ 17 ވަނަ ދުވަހާ ހަމައަށް ޕީޕީއެމްއާ ގުޅޭ ކޮންމެ މީހަކަށް އެ ޕްރައިމަރީގައި ވޯޓު ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި މިހާރު މެމްބަރުންނަށް ތިބި ބޭފުޅުންނަށް އެކަންޏެއް ނޫން މި ފުރުސަތު މިދެނީ. ވަރަށް ހުޅުވާލެވިފައިވާ ފުޅާ ފުރުސަތެއް މި ދެނީ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކެންޑިޑޭޓުން އެކަނި އިންތިޚާބުގައި ވާދަކުރާ ގޮތަށް ހަމަޖެއްސީ އިންތިޚާބަށް މަސައްކަތް ކުރުމުގައި ފަސޭހަ ގޮތެއް ހޯދުމުގެ ގޮތުންނެވެ. އެގޮތަށް ނިންމީ ޕީޕީއެމް އާއި ޕީއެންސީގެ ކައުންސިލްގެ ވަކިވަކި ބައްދަލުވުންތަކެއް ވެސް މިއަދު ބޭއްވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަސޭހަ ގޮތަކަށް، އެންމެންނަށް އެންމެ އޮޅުންބޮޅުން ކުޑަ ގޮތަކަށް އަދި އަޅުގަނޑުމެންގެ ތެރޭގައި އެއް ރޫހެއްގައި މަސައްކަތް ކުރުމަށް މިގޮތަށް ނިންމީ." އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިޚާބަކީ ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ލިބޭ އެންމެ ފަހުގެ ފުރުސަތު ކަމަށާއި އެހެންވެ، ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވެސް އެކަމުގައި އިދިކޮޅު ކޯލިޝަނާ އެކު މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.