ނަޝީދު، މޯދީއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.


މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ބައެއް މެމްބަރުންނާ އެކު އިންޑިއާ އަށް ކުރައްވާ ދަތުރުގެ ތެރެއިން ނަޝީދު ވަނީ މޯދީއާ ބައްދަލުކުރައްވައި ސަރަހައްދީ އަދި ދުނިޔޭގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އޭގެ ތެރޭގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އިއާދަކުރުވަނިވި ހަކަތަ އާއި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާއި ފަރުތައް ހިމާޔަތްކުރުން ހިމެނެ އެވެ.

މަޖިލީހުގެ ބޮޑު ވަފުދަކާ އެކު މިދިޔަ އާދިއްތަ ދުވަހު އިންޑިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށެވެ. އެ އެއްބަސްވުމުގެ ދަށުން ގުޅުން ބަދަހިކުރުމުގެ އިތުރުން މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ތަމްރީނު ދިނުން ހިމެނެ އެވެ.

ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ އަމީން އާންމާއި ކައުންސެލް ޖެނެރަލާއި ބައެއް މެމްބަރުން ވެސް އެ ދަތުރުފުޅުގައި ބައިވެރިވެ އެވެ.