މިނިސްޓަރު ޝާހިދު، މޯދީއާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.


ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުން އަންނަ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރަށް އެރުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު (ވ)، އިންމޯދީއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ ދެ ގައުމުގެ ޖޮއިންޓް ކޮމިޝަންގެ ހަ ވަނަ ބައްދަލުވުމަށެވެ. މެންދުރު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ މުހިއްމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސެކިއުރިޓީ އާއި ޓޫރިޒަމް، ނޫ އިގްތިސޯދު، އައިސީޓީ، ތައުލީމް އަދި ކުޅިވަރު ހިމެނެ އެވެ.

ރާއްޖޭގެ ވަފުދުގައި 14 މިނިސްޓްރީއެއްގެ އިސްވެރިން ހިމެނެ އެވެ.

އެ ބައްދަލުވުމަށްފަހު ރާއްޖެ އާއި އިންޑިއާއާ ދެމެދު ވަނީ ތިން އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެއީ ދެ ގައުމުގެ އިލެކްޝަންސް ކޮމިޝަން ދެމެދު ސޮއިކުރި އެއްބަސްވުމާއި ދެ ގައުމުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ދެމެދު ގާއިމްކުރި އެއްބަސްވުމެވެ.

ޖޮއިންޓް ކޮމިޝަންގެ ހަތް ވަނަ ބައްދަލުވުން 2021 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.