ކަލާފާނު ސްކޫލްގެ ޔުނީފޯމް 30 އަހަރަށް ފަހު ބަދަލުކޮށްފި

ކަލާފާން ސްކޫލްގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބޭނުންކުރަމުން އައި ޔުނީފޯމް ކުރިއަށް އޮތް ދިރާސީ އަހަރާ އެކު ބަދަލުކުރަން ނިންމައިފި އެވެ.


އެ ސްކޫލްގެ ޕްރިންސިޕަލް ރަހުމާ އަބްދުއްރަހީމް މިއަދު ވިދާޅުވީ ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމުގެ މަތިން ޔުނީފޯމް ބަދަލު ކޮށްފައިވާ ކަމަށެވެ. މި ބަދަލާ އެކު، ކަލާފާނު ސްކޫލްގެ ކުދިން އަންނަ އަހަރު ބޭނުންކުރާނީ ސްކާޓެކެވެ.

މީގެ 30 އަހަރު ކުރިން ކިޔަވައިދޭން ފެެށި ސްކޫލްގައި މިހާތަނަށް ބޭނުންކުރަމުން އައީ ރޫ ނަގާފައި ހުންނަ އެންމެ ކުރީގެ ހުދު ޔުނީފޯމެވެ. ފިރިހެން ކުދިން ބޭނުންކުރަމުން އައީ ހުދު ޔުނީފޯމާ އެކު ކަޅު ފަޓުލޫނެވެ.

ކަލާފާން ސްކޫލުގެ އާ ޔުނީފޯމް ދައްކާލަނީ-- ފޮޓޯ: ކަލާފާން ސްކޫލް

އާ ޔުނީފޯމުގައި އަންހެން އަދި ފިރިހެން ދަރިވަރުން ވެސް ބޭނުންކުރާނީ މަޑު ފެހި ކުލައިގެ ގަމީހެކެވެ. ގްރޭޑް 1-5 ގައި ކިޔަވާ ފިރިހެން ކުދިން ކުރު ފަޓްލޫނު ލާއިރު ގްރޭޑް ހަޔަކުން ފެށިގެން މަތީގެ ގްރޭޑްތަކުގެ ފިރިހެން ކުދިންނަށް ޚާއްސަ ކޮށްފައި ވަނީ ދިގު ފަޓްލޫނެވެ.

ހުރިހާ ގްރޭޑެއްގައި ވެސް އުޅޭ އަންހެން ކުދިން ލާނީ ސްކާޓެވެ.

ކަލާފާން ސްކޫލުގެ އާ ޔުނީފޯމްގެ ނަމޫނާއެއް ދައްކާލަނީ-- ފޮޓޯ: ކަލާފާން ސްކޫލް

ސްކޫލަށް ދާއިރު އެކްޓިވިޓީ ޔުނިފޯމާއި ރަސްމީ ޔުނިފޯމް ލުމުގެ އިހްތިޔާރު، ވަކި ޔުނިފޯމެއް ލާން ސްކޫލުން ނާންގާ ނަމަ އޮންނާނެ އެވެ.

"ދަރިވަރުންނާއި ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތަކަށް މި ބަދަލު ގެނައީ،" ރަހްމާ ވިދާޅުވި އެވެ.