އިންޑިއާގެ އެއްބަސްވުމުގައި ސިއްރުކުރަން ޖެހޭ ކަމެއް ނެތް: އީސީ

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އިންޑިއާއާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި އެއްވެސް ކަމެއް ސިއްރެއްގެ ގޮތުގައި ބާއްވަން ހިމަނާފައި ނުވާނެ ކަމަށާއި އިންތިހާބުތައް ކުރިއަށް ގެންދާނީ އިންސާފުވެރިކޮށް، ދެ ފުށް ފެންނަ ގޮތަށް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި މިދިޔަ ހުކުރު ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ދާދި ފަހުން ވަނީ މި އެއްބަސްވުމާ މެދު ޝައްކު އުފައްދައި، އެއްބަސްވުމާ ގުޅޭ މައުލޫމާތު ހިއްސާކުރަން ގޮވާލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އިންޑިއާއާ އެކު ރާއްޖެ އިން ހެދި އެއްބަސްވުމުގެ ބޭނުމަކީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު އޮޅުވާލުމެވެ. އިންޑިއާގެ ވިސްނުމަކީ އިލެކްޝަންސް ކޮމިޝަންގެ ސާވާގެ ތެރެއަށް އިންޑިއާ ވަނުން ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ.

އަކްރަމް ކުރެއްވި ޓުވީޓު.

ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އިންޑިއާއާ އެކު ގާއިމްކުރީ ސިއްރު އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން ގާއިމުކުރީ ދެ ދާއިރާއަކުން ގުޅުން ބަދަހިކުރަން ކަމަށް ވިދާޅުވެ، އަކްރަމް ވަނީ ތަފްސީލް ދެއްވައިފަ އެވެ.

އެއް ކަމެއްގެ ގޮތުގައި އަކްރަމް ފާހަގަކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް އިންތިހާބުތަކާ ބެހޭ ތަމްރީން ދިނުމެވެ. ދެ ވަނަ ކަމަކީ އިންތިހާބުތަކުގައި ދެ ގައުމުން ތަޖުރިބާ ހިއްސާކުރުން ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ކުރެއްވި ޓުވީޓު.

އަކްރަމް ވަނީ އިންތިހާބުތަކުގެ ކަންކަން ދެ ފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށައިފަ އެވެ.