މައުލޫމާތު ހާމަނުކުރުމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރަށް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.


މައުލޫމާތު ހާމަ ކުރުމުގައި އެންމެ ފަހަތުގައި އުޅެނީ ޝަރުއީ ދާއިރާ ކަމަށް ކޮމިޝަނަރު ކުރިން ވަނީ ވިދާޅުވެފަ އެވެ. ކޮންމެ އިދާރާއަކުން ވެސް އަހަރީ ރިޕޯޓް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަން ޖެހޭ ކަމަށް މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފަށާފައިވާ މައުލޫމާތު ހޯދާއި ލިބިގަތުމުފެ ގާނޫނުގައި ބުނެ އެވެ. ނަމަވެސް ޝަރުއީ ދާއިރާއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ އެންމެ އަހަރީ ރިޕޯޓެކެވެ. އެއީ 2014 ވަނަ އަހަރު ޖުވެނައިލް ކޯޓުން ހުށަހެޅި ރިޕޯޓު އެކަންޏެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި ފިޔާޒް ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ހިލާފަށް ޝަރުއީ ދާއިރާއިން ނިންމާފައިވާ ނިންމުންތައް ބާތިލްކޮށް ދެއްވުމަށާއި، އެ ގާނޫނު ޝަރުއީ ދާއިރާއިން ފުރިހަމައަށް ތަންފީޒުކޮށް ދެއްވަމުން އެދި އުއްތަމަ ފަނޑިޔާރަށް ދަންނަވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޝަރުއީ ދާއިރާގެ ކަންކަން ވީހާ ވެސް ދެ ފުށް ފެންނަ ގޮތަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށް ދާދި ފަހުން އެ މަގާމަށް އައްޔަން ކުރެއްވި އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށެވެ. އަދި ވީހާ ވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ރައްޔިތުންނަށް ލިބިދިނުމަށް ބާރު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ އެ ވާހަކަފުޅަށް ތާއީދު ކުރައްވައި ފިޔާޒު ވިދާޅުވީ ޝަރުއީ ދާއިރާއާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުކޮށް، ތަސައްވަރު ރަނގަޅު ކުރެވޭނީ މައުލޫމާތު ހާމަކުރާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.

"ވަރަށް ބޮޑަށް މިއަދު ހިތްހަމަޖެހިގެން ހިނގެއްޖެ، ޝަރުއީ ދާއިރާގެ ހާމަކަން ބޮޑު ކުރެއްވުމުގެ ވިސްނުންފުޅު މިހާރުގެ އުއްތަމަ ފަނޑިޔާރު ގެންގުޅުއްވާތީ. އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް އިތުރަށް ކަށަވަރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ،" އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ވިދާޅުވި އެވެ.

ގާނޫނު ބުނާގޮތުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަވަންޖެހޭނެ އެވެ. އަދި ކޮންމެ އިދާރާއަކުން ވެސް މައުލޫމާތު ހޯދުމަށް ރައްޔިތުންނަށް ހުށަހެޅޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 2014 ވަނަ އަހަރު ނޮވެމްބަރު މަހު ނިންމަވާފައި ވަނީ، ޝަރުއީ ދާއިރާގައި ހިމެނޭ ދައުލަތުގެ ވަކިވަކި އިދާރާތަކުން މައުލޫމާތު ހޯދުމާއި ކޮންމެ އިދާރާއަކަށް އިންފޮމޭޝަން އޮފިސަރަކާއި މުރާޖައާ ކޮމިޓީއެއް އައްޔަންކުރެއްވުމުގެ ބަދަލުގައި، ޝަރުއީ ދާއިރާއިން ކަނޑައަޅާނީ އެންމެ އިންފޮމޭޝަން އޮފިސަރެއް ކަމަށާއި އަދި އެންމެ މުރާޖާ ކޮމިޓީއެއް ކަމަށެވެ.

އެގޮތުން އިންފޮމޭޝަން އޮފިސަރެއްގެ ގޮތުގައި އަދި މުރާޖައާ ކޮމިޓީގައި ހިމަނާނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ތެރެއިން ބޭފުޅުން ކަމަށް ވެސް ސުޕްރީމް ކޯޓުން އޭރު ވަނީ ނިންމަވައިފަ އެވެ.