ސައިކަލެއްގެ ފުރޮޅުގައި ހެދުން އޮޅި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުން ފަހަތު ފުރޮޅުގައި އޮޅި، ނުރައްކާތެރި އެކްސިޑެންޓެއް މިރޭ މާލޭގައި ހިނގައިފި އެވެ.


މިރޭ 8:20 ހާއިރު ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓް ހިނގީ ސައިކަލް ދުއްވާފައި ދަނިކޮށް އަންހެން މީހާ ހެދުން ސައިކަލްގެ ފަހަތު ފުރޮޅުގައި އޮޅި ތާށިވެގެންނެވެ. އޭނާ ސަލާމަތް ކުރަން ޖެހުނީ ހެދުން ވީިދާލައިގެންނެވެ.

ނިވާ ނުވާވަރަށް ހެދުން ހަލާކުވުމުން އަންހެން މީހާ ނިވާ ކުރީ އެ ސަރަހައްދުގައި ހުރި މީހެއްގެ ޓީޝާޓް ލައްވައިގެންނެވެ.

އެ ހާދިސާގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާއަށާއި އަންހެން މީހާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ ހާލުވެސް ސީރިއަސްއެއް ނޫނެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އަންހެން މީހާ ލައިގެން ހުރި ނޫކުލައިގެ ދިގުކޮށް ފަހާފައިވާ ހެދުން ވަނީ ސައިކަލް ފުރޮޅުގައި ވަރަށް ބޮޑަށް އޮޅިފަ އެވެ. އެ އަންހެން މީހާ ލައިގެން ހުރީ ހެދުމާ ބުރުގާޔާ އެކުގައި ހުންނަ ވައްތަރުގެ ހެދުމެއް ކަމަށް ފުލުހުން ބުނެ އެވެ.

ދިގުކޮށް ފަހާފައި ހުންނަ ހެދުން ލައިގެން ސައިކަލުގައި ދަތުރުކުރާ މީހުން އެފަދަ ހާދިސާތަކަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.