އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިިފި

ގދ. ގައްދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ މިއަދު ވަގަށް ނަގައިފި އެވެ.


ފުލުހުން ބުނީ އެ ގެ އަށް ބަޔަކު ވަދެފައި ވަނީ ގޭގެ ދޮރު ހަލާކުކޮށްލައިގެން ފަތިހު 5:30 ހާއިރު ކަމަށެވެ. އެ ގެއިން ވަގަށް ނެގީ 95،000ރ. އާއި 1،000 ޑޮލަރު (15،420ރ.) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާ އަށް އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ފައިސާ ބަހައްޓާފައިވާ ކަމަށް ބެލެވޭ ކަބަޑަށް ވަނީ ގެއްލުން ދީފަ އެވެ. ތަޅަކާއި ކުދި ލަކުޑި ކޮޅުގެ އިތުރުން ޕާސްޕޯޓުތަކަކާއި ވޮލެޓެއް ވެސް ބިންމައްޗަށް އެއްލާލާފައިވާ ތަން ފޮޓޯތަކުން ފެނެ އެވެ.

މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.