އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގަވާއިދުން ރިޕޯޓްތައް ވާނީ ފޮނުވާފައި: ޑީޖޭއޭ

މައުލޫމާތު ހޯދައި، ލިބިގަތުމުގެ ގާނޫނުގެ ދަށުން ޝަރުއީ ދާއިރާއިން ހުށަހަޅަންޖެހޭ ރިޕޯޓްތައް ގަވާއިދުން ހުށަހަޅާފައިވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.


އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުމަށް ފަހު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މުއައްސަސާތަކުން އެ އޮފީހަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހެޅުމުގައި އެންމެ ފަހަތުގައި އޮތީ ޝަރުއީ ދާއިރާ ކަމަށް ވަނީ ބުނެ، އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރާ ހިއްސާކޮށްފަ އެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން ނެރުނު ބަޔާނެއްގައިވަނީ ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާއި ތަފާސް ހިސާބުތައް ބަލަހައްޓަމުން ދަނީ އެ ޑިޕާޓްމެންޓުން ކަމަށްވާތީ ސުޕްރީމް ކޯޓުގެ ނިންމި ނިންމުމާ އެއްގޮތަށް ޝަރުއީ ދާއިިރާއަށް އިންފޮމޭޝަން އޮފިސަރަކު ހަމަޖައްސައި، އެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ މުރާޖާ ކޮމެޓީ ވެސް އެ ޑިޕާޓްމެންޓްގައި އެކުލަވާލާފައިވާ ކަމަށެވެ. އަދި ރިޕޯޓް ހުށަހެޅުމުގައި ފަސޭހަކޮށް ދިނުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޚާއްސަ ފޯމެއް ތައްޔާރުކޮށް، އެ ފޯމް ފުރިހަމަކޮށް ފޮނުވުމުން ރިޕޯޓް ފޮނުވުނީ ކަމަށް ބަލާނެ ކަމަށް އެ އޮފީހުން އަންގާފައިވާތީ ޝަރުއީ ދާއިރާއިން ހުށަހަޅަންޖެހޭ ފޯމްތައް އީމެއިލް ނުވަތަ ޖެމްސް މެދުވެރިކޮށް އެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެގޮތުން ވޭތުވެދިޔަ ތިން އަހަރު ވެސް އެ ރިޕޯޓްތައް އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންވެ، ހަގީގަތް އޮޅޭ ގޮތަށް އެއްވެސް ފަރާތަކުން އެފަދަ މައުލޫމާތު އާންމު ނުކުރަން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.