ސީރިއާގައި ބިކަވި އަންހެނުންނާއި ކުދިން ހަތް މަސް ތެރޭގައި ގެންނަނީ

މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ބައިއަތު ހިފައި ސީރިއާ އަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައިވާ އަންހެނުންނާއި ކުޑަކުދިން ކުރިއަށް އޮތް ހަތް މަސް ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.


ކައުންސިލަރުންނާ އެކު ބޭއްވި "ވިއަވަތި" މަހާސިންތާގައި ކައުންސިލަރެއްގެ ސުވާލަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ހަނގުރާމަ އަށް ސީރިއާ އަށް އެތެރެވި 173 ދިވެހިންގެ ތެރެއިން އެތަނުގައި މިހާރު ތިބީ 59 މީހުން ކަމަށެވެ. އޭގެ ތެރެއިން ހަަތަރު ފިރިހެނަކު ފިޔަވައި ދެން ތިބީ މުޅިން ވެސް ކުޑަކުދިންނާއިި އަންހެނުންނެވެ.

އެ މީހުންނާއި އާއިލާތަކުން ވެސް އަންނަނީ އަނބުރާ ރާއްޖެ ގެނެސްދޭން އެދެމުންނެވެ.

ހަމީދު ވިދާޅުވި ގޮތުގައި، ސަރުކާރުން ނިންމާފައިވާ ގޮތަށް އެ މީހުން ރާއްޖެ އަނބުރާ ގެނެސް ރީހެބިލިޓޭޓް ކުރާނެ އެވެ. އެކަމަށް ކ. ހިންމަފުށީގައި އަންނަނީ އެ ބޭނުމަށް ޚާއްސަ ސެންޓަރެއް ވެސް އަޅަމުންނެވެ.

"ކުރިއަށް އޮތް ގާތްގަނޑަކަށް ހައެއް ނުވަތަ ހަތް ވަރަކަށް މަސް ތެރޭގައި ބޭރުގެ އެހެން ދައުލަތަކާ ގުޅިގެން މި ފަރާތްތައް ރާއްޖެ ގެނެސް ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ، ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުގެ މަތިން ހަރުކަށި ފިކުރުގެ މީހުން ރީހެބިލިޓޭޓް ކުރެވޭނެ މެކޭނިޒަމްތައް ގާއިމްކޮށްގެން ކަމަށެވެ.

މިދިޔަ 12 އަހަރުގެ ތެރޭގައި ހަރުކަށި ފިކުރު ރާއްޖޭގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރިފައި އޮތް ކަން ކަމާބެހޭ އިދާރާތަކުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.