ގެސްޓް ހައުސް އާއި ރެސްޓޯރަންޓަށް ޖާބިރު ކުލި ނުދައްކާ ފަސް މަސް!

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ކ. ގާފަރުން ކުއްޔަށް ނެންގެވި ގެސްޓް ހައުސް އާއި ރެސްޓޯރަންޓަށް ކުލި ނުދައްކާތާ ފަސް މަސްވެފައިވާ ކަމަށް ބުނެ އެ ތަންތަނުގެ ވެރިން މިއަދު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.


ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު، ޖާބިރު އެ ދާއިރާގެ އަނެއް ރަށް ގާފަރުން ގެސްޓް ހައުސްއަކާއި ރެސްޓޯރަންޓެއް ކުއްޔަށް ނެންގެވީ އެ ރަށުގައި ޓޫރިޒަމްގެ ސިނާއަތް ފުޅާ ކުރެއްވުމުގެ ބޭނުމުގަ އެވެ. އެ ދެ ތަން ވެސް ޖާބިރު ކުއްޔަށް ނެންގެވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ގާފަރުގައި ހުންނަ ގެސްޓްހައުސް ޖާބިރު ކުއްޔަށް ނެންގެވި އިރު، އެ ތަން އޮތީ ތިން ބުރި އަށް ހަދައިފަ އެވެ. އެކަމަކު، އެ ރަށުގައި ރެސްޓޯރަންޓު ހަދަން ޖާބިރު ހަރަދު ކުރެއްވި އެވެ. ރެސްޓޯރަންޓު ބޮޑު ކުރުމަށް އެ ސަރަހައްދާ ކައިރިން ބޮޑު ގޯއްޗެއް ވެސް ޖާބިރު ބައްލަވައިގަތް ކަމަށްވެ އެވެ.

ގެސްޓް ހައުސްގެ ވެރިފަރާތް ތޯރިގް އުމަރު "މިހާރު" އަށް ވިދާޅުވީ ޖާބިރުއާ ގެސްޓް ހައުސް ހަވާލު ކުރެއްވި އިރު، އެތަނުގައި ކުރަން ހުންނާނީ ކުދިކުދި މަސައްކަތްތަކެއް ކަމަށެވެ. ޖާބިރަށް ގެސްޓް ހައުސް ކުއްޔަށް ދިނީ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭ ވަރަށް ހަދާފައި ކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ގެސްޓްހައުސް އަށް އެޑްވާންސްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ޖާބިރު ދެއްކެވި އެވެ. އަދި ޖޫން މަހާ ހަމައަށް މަހަކު ކުލީގެ ގޮތުގައި 50،000ރ. ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

"އެއްބަސްވުމުގައި އިމާރާތުގެ ވެރިފަރާތުން ސޮއިކުރި. އެކަމަކު ޖާބިރު ސޮއެއް ނުކުރައްވާ،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ޖާބިރުގެ އަތުން ކުލި ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެކަމަކު އަބަދުވެސް ބުނަނީ ކުލި ދައްކާނެ ކަމަށް. އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު ކުލި ދައްކާނެ ކަމަށް ބުނެ ދިން މުއްދަތު ވެސް ވަނީ ހަމަވެފައި. އަޅުގަނޑު ވިސްނުން ހުރީ އެ ތަނާ ހަވާލުވާނެ އިތުރު ބަޔަކު ހޯދާފައި އެތަން ހިންގަން ހަވާލު ކުރަން،" ތޯރިގް ވިދާޅުވި އެވެ.

ގާފަރުގައި ހަދަމުން އަންނަ ޖާބިރުގެ ރެސްޓޯރަންޓު.

އެގާރަ ކޮޓަރި ހިމެނޭ 30 އެނދުގެ ގެސްޓް ހައުސްއަކީ ދިވެހިންގެ އިތުރުން އަރަބި ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ތަނަކަށް ހެދުމަކީ ޖާބިރުގެ ވިސްނެވުމެވެ.

ރެސްޓޯރަންޓުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ޖާބިރު އެ ތަން ކުއްޔަށް ނެންގެވީ ތިން މަހުގެ ފައިސާ ދައްކަވާފައި ކަމަށެވެ. އެއީ މަހަކު 4000ރ. ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު، އޭގެ ފަހުން ފަސް މަސް ފާއިތުވެގެން ދިޔަ އިރު ވެސް ކުލި ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

"މި މަހުގެ ހަތަކާ ހަމައަށް މުއްދަތެއް ދީފައި ވަނީ ފައިސާ ދައްކަން. އެކަމަކު ކުލި ނުދެއްކީމަ ވެރިމީހާ އަށް އެތަން ދީފައި އޮތް ކަމުގެ މައުލޫމާތު ލިބިފައި އޮތީ،" އެމީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޖާބިރު ކުލީގެ ގޮތުގައި މިހާތަނަށް 20،000ރ. ދައްކަވަން އެބައޮތެވެ.

އެހެންވެ، ދެ ތަނަށް ޖާބިރު ކުލީގެ ގޮތުގައި 270،000ރ. އަރަ އެވެ.

އެކަމަކު، އެ ވަރުގެ އަދަދެއް ދައްކަވަން ޖެހޭ ކަމަކަށް ޖާބިރު ގަބޫލެއް ނުކުރައްވަ އެވެ.

ޖާބިރު ވިދާޅުވީ ދެ ތަން ކުއްޔަށް ދިން ފަރާތުން ދޮގު ހަދައި އޮޅުވާލަމުންދާ ކަމަށެވެ. ޖާބިރު ވިދާޅުވި ގޮތުގައި އޭނާ ދޮގު ނަހަދާނެ ކަން ދިވެހިން މިއަދު ގަބޫލު ކުރާނެ އެވެ.

"އަޅުގަނޑު އެޑްވާންސަށް ބޮޑު އަދަދެއް ވާނީ ދައްކާފައި. އަޅުގަނޑު މީހަކަށް ދަރާފައެއް ނޯންނާނެ. މީހަކަށް ދޮގެއް ނަހަދަން. ދަރަފާއި އޮތީ އެ މީހުން،" ޖާބިރު ވިދާޅުވި އެވެ.