48 ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރަން ފަށައިފި

ރާއްޖޭގެ 48 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމް ބޭނުންކުރަން ފަށައިފި އެވެ.


މިއީ ރާއްޖޭގައި ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށާއި އިޔާދަ ކުރެވެނި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރަން ކުރި މަސައްކަތެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. އެ ރަށްރަށުގައި އިޔާދަކުރުވަނި ހަކަތައިގެ ހައިބްރިޑް ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރީ މިނިސްޓްރީ އާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގުޅިގެން ހިންގާ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޮ ސަސްޓެއިނަބްލް އެނާޖީ ޑިވެލޮޕްމެންޓް" މަޝްރޫއުގެ ދަށުންނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މި މަސައްކަތް ފެށުމަށް ހޮޓެލް ޖެންގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށްރަށުގައި 7.5 މެގަވޮޓްގެ ހައިބްރިޑް ނިޒާމް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ރާއްޖޭގައި ބޭނުންކުރަމުން އަންނަ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 21.5 މެގަވޮޓް އިން މިހާރު ވަނީ އިތުރުވެފައި ކަމަށް ވެސް އެތަނުން ބުންޏެވެ.

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓަރު

މިއީ ރާއްޖޭގައި މިހާތަނަށް ހިންގި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 160 ރަށެއްގައި ސޯލާ ޕީވީ، ބެޓަރީ، ޑީސަލް ޖެނެރޭޓަރު އަދި އެނާޖީ މެނޭޖްމެންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމް ގާއިމްކޮށްފައި ވެ އެވެ. އަދި އިސްރާފުވާ ކަރަންޓު މަދުކުރަން ރަށްރަށުގެ ކަރަންޓު ވިއުގަ ބަދަލުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރު 15 އަތޮޅެއްގަ 25 މެގަވޮޓްގެ ނިޒާމް ގާއިމްކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.