ޖަމާއަތުގައި ނަމާދުކުރާ ޕްރޮގްރާމްގައި 18 ކުދިން ބައިވެރިވެއްޖެ

ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު ދޭ ޕްރޮގްރާމްގައި 18 ކުދިން ބައިވެރިވެފައިވާ ކަމަށް، އެ ހަރަކާތް ހިންގާ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.


މީގެ ދެ އަހަރު ކުރިން އުފެއްދި "ޖަމިއްޔަތުއް ރިސާލާ" ގެ އޮފިޝަލަކު ވިދާޅުވީ ނަން ނޯޓުކުރަން މި ހަފުތާގައި ހުޅުވައިލުމުން މިހާތަނަށް 18 ފިރިހެން ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

އެ ފުރުސަތު ހުޅުވައިލާފައި ވަނީ ނޮޅިވަރަމަށް އުފަން، އުމުރުން 10-15 އަހަރާ ދެމެދުގެ ކުދިންނަށެވެ.

އަންނަ މަހު ފަށާ ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ކަނޑައަޅާފައިވަނީ 1،000ރ. ގެ ފައިސާގެ އިނާމެކެވެ. ނަމަވެސް އެ ލިބޭނީ މެދުކެނޑުމެއް ނެތި 40 ރޭ ނަމާދުކުރާ ކުދިންނަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ފައިސާ ދީގެން، ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ ހަރަކާތާ މެދު ރަށުގެ ގިނަ ބަޔަކު ހިތްހަމަޖެހެ އެވެ. އަދި ހެޔޮ އެދޭ ފަރާތްތަކުން އެކަމަށް ފައިސާ ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަމާދުކުރާއިރު، އެއް ރޭ ވެސް ޖަމާއަތުގައި ބައިވެރިނުވެވިއްޖެ ނަމަ އެ ކުއްޖަކު ފެއިލްވާނެ ކަމަށެވެ. އެކަމަކު ފަހުން ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ.