މޯބައިލް ލެބޯރެޓަރީގެ ހިދުމަތަށް ތަރުހީބު ބޮޑު: މިނިސްޓަރު

މިދިޔަ އޮކްޓޫބަރު މަހު ތައާރަފް ކުރި މޯބައިލް ލެބޯރެޓަރީގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


މީގެ ތިން މަސް ކުރިން އަޖުމަ ބެލުމުގެ ގޮތުން އެ ހިދުމަތް ފެށީ ލ. އަތޮޅުގަ އެވެ. މި ޚިދުމަތުގެ ދަށުން، ލެބޯރެޓަރީ ނުހުންނަ ރަށްރަށުން ސާމްޕަލް ނަގައިގެން އެ ރަށަކާ އެންމެ ކައިރީގައި ލެބޯރެޓަރީ ހުންނަ ރަށަކަށް ގެންދެ އެވެ. ލެބޯރެޓަރީ ހުންނަ ރަށަކުން ޓެސްޓު ހެދުމަށް ފަހު ނަތީޖާ ފޮނުވާނީ އީމެއިލް މެދުވެރިކޮށެވެ.

ލ. ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއަށް މިހާރު އަންނަ ހެޔޮ ބަދަލާ މެދު ވިސްނައި އޭގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ ކަމަށެވެ. ތަޖުރިބާ ކުރުމުގެ ގޮތުން ފުރަތަމަ ތައާރަފް ކުރި މޯބައިލް ލެބޯރެޓަރީގެ ހިދުމަތުން، އުންމީދު ކުރި ވަރަށް ވުރެ ބޮޑު ނަތީޖާއެއް ފެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ..

އެ ހިދުމަތް އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެށޭނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތް މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެން-- ފޮޓޯ: ރައީސް އޮފީސް

އަމީން ވިދާޅުވި ގޮތުގައި، އެކިއެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.

"އަލަށް މި ގެނެވޭ އިންތިޒާމުތަކުގެ ތެރެއިން މި ދެންނެވި ހިދުމަތްތައް އިރާދަކުރެއްވިއްޔާ ތިބޭފުޅުންނާ ހިސާބަށް ފޯރާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ހިތަދޫ ސިއްހީ މަރުކަޒުގެ ހިދުމަތަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ، ސިއްހީ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ ރަށްތަކުގެ ތެރޭގައި އެ ރަށް ހިމެނޭ ކަމަށެވެ. އެއީ އެ ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން ކޮށްފައިވާ ކަމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ހިތަދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ޒަމާނުގައި އެ ރަށު މީހުން މަހަށް ވެސް ދިޔަ އެވެ.

ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްގޮތަށް ލ. އަތޮޅުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ކުރިން ލ. އަތޮޅުގެ ސިއްހީ ދާއިރާއަށް އައިސްފައި ނުވާ ވަރުގެ ހެޔޮ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި އަންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.