ލޮނުމިދިލިގެ، މަސްތުވާތަކެތީގެ ހާއްޔެއް!

ތަފާތު އެކި މައްސަލަތަކުގައި އެކި ފަހަރު މަތިން ކުރިން ވެސް މީހުން ހައްޔަރު ކޮށްފައިވާ މ. ލޮނުމިދިލިގެ އިން މަސްތުވާތަކެއްޗާ އެކު ކުޑަ ހަތަރު ފިރިހެން ކުއްޖަކާއި ދެ ފިރިހެނަކާއި އަންހެނަކު މިރޭ ހައްޔަރުކޮށްފި އެވެ.


ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ "ޚިދުމަތް" ދޭ ގެތައް ބަލައި ފާސްކުރުމަށް ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި ލޮނުމިދިލިގެ އިން ހައްޔަރުކުރީ އުމުރުން 15 އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ފިރިހެން ކުއްޖަކާއި 18 އަހަރުން މަތީގެ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ލޮނުމިދިލިގެ ފާސްކުރުމަށް ހިންގި އޮޕަރޭޝަންގައި 38،715ރ. އާއި 142 ޑޮލަރު ފެނުނު ކަމަށެވެ. މީގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ފައިސާ ވެސް މަދު އަދަދަކަށް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"ފައިސާތައް ފެނިފައި ވަނީ 18 އަހަރު ނުފުރޭ ކުދިން ދިރިއުޅޭ ކޮޓަރި ތެރެއިން، އެ ތަނުން އެއް ކުއްޖެއްގެ ވޮލެޓުގެ ތެރެއިން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މިރޭގެ އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ ނޫސްވެރިންނަށް ލޮނުމިދިލިގެ ދައްކާލައިފަ އެވެ. ހަދާފައިވާތާ ގިނަ ދުވަސް ވެފައިވާ އެ ގޭގައި މީހުން ދިރިއުޅޭ ގޮތަށް ހުރީ އެންމެ ކޮޓަރި އެކެވެ. ހައްޔަރު ކުރި ކުދިން ތިބީ އެ ކޮޓަރީގަ އެވެ. ދެ ބަންކްބެޑް ބަހައްޓާފައި ހުރި އެ ކޮޓަރީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. މަސްތުވާތަކެތި އަޅާފައި ހުންނަ ވައްތަރުގެ ކުދި ރަބަރު ޕެކެޓާއި ސިނގިރޭޓް ހުސްކުރި ފިލްޓަރު ގިނަ އަދަދަކަށް ހުއްޓެވެ.

ލޮނުމިދިލިގެއިން މަސްތުވާތަކެތި ބޭނުން ކުރަން ހާއްސަކޮށްފައިވާ ކޮޓަރިއެއް: ފުލުހުން ވަނީ އެ ގެއިން ފަސް މީހުން ހައްޔަރުކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ލޮނުމިދިލިގެ ހުންނަ ހަނި ގޯޅީގެ އެންމެ އެތެރެ އަށް ހުންނަ އެ ގޭގެ ބައި ހަދާފައި ހުރީ ދެ ބުރިއަށެވެ. ތިރީ ބުރީގައި ވަނީ ސެކިއުރިޓީ ވަރުގަދަ ދަގަނޑު ގޭޓެއް ހަރުކޮށްފަ އެވެ. އެ ދޮރު ހަދާފައި ހުރީ ކޯޑް ޖަހައިގެން ނޫނީ ނުވަދެވޭ ގޮތަށެވެ.

މަސްތުވާތަކެތި ވިއްކައި އެ ތަކެތި ބޭނުން ކުރުމުގެ ހިދުމަތްދޭ ގެތައް މިހާރު ހަދާފައި ހުންނަނީ ދަގަނޑު ގޭޓް ބޭނުން ކޮށްގެންނެވެ. ބޭނުމަކީ ފުލުހުންނަށް ފަސޭހަ އިން ނުވަދެވޭނެ ގޮތް ހެދުމެވެ.

ލޮނުމިދިލިގޭގައި ގޭޓް ހަރުކޮށްފައި ހުރި އިމާރާތުގެ ދެވަނަ ބުރީގައި ދެ ކޮޓަރި ހުއްޓެވެ. އެ ދެ ތަނުގައި ވެސް މަސްތުވާތަކެތި ބޭނުން ކުރަން ތިބެން ވަށް މޭޒާއި ގޮނޑި ބަހައްޓާފައި ހުއްޓެވެ. މޭޒު މަތީގައި މަސްތުވާތަކެތި ހުސްކުރި ރަބަރު ޕެކެޓް ހުއްޓެވެ. ފާރުގައި "ނިންމާފައި މަތީގައި ލަސްނުކޮށް ފައިބާ" މިހެން ސްޕްރޭއިން ލިޔެފައި ހުއްޓެވެ.

ލޮނުމިދިލިގެއިން މަސްތުވާތަކެތި ބޭނުން ކުރަން ހާއްސަކޮށްފައިވާ ކޮޓަރިއެއް: ފުލުހުން ވަނީ އެ ގެއިން ފަސް މީހުން ހައްޔަރުކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ވިޔަފާރި ކުރާ ގެތަކަށް އަމާޒު ކޮށްގެން، ފުލުހުން ހިންގާ އޮޕަރޭޝަންގައި މި މަހު ވަނީ ފަސް ގެއެއް ރެއިޑްކޮށްފަ އެވެ. އެއީ ލޮނުމިދިލިގެ އާއި މ. ފެޝަންމީޑާއި މ. ނަދީއިރުމަތީބަޔާއި ހ. ވެލިރަންގެ އަދި ގ. މެމޮރީވިލާ އެވެ.

ފުލުހުން ބުނީ، މިއީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ބަލައި ފާސްކޮށްފައިވާ ގެތައް ކަމަށެވެ. ފުލުހުން ބުނީ މިއީ އެ ގެތަކުގެ ވެރި ފަރާތް ނުވަތަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުގެ ރުހުމާ އެކު، މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.