ސީޕްލޭން ޓާމިނަލް މިހާރު ހިންގާހެން ހިންގުމަކީ ކޮރަޕްޝަން: ޔައުގޫބް

މިހާރު ހިންގާހެން، ސީ ޕްލޭންތައް އޮޕަރޭޓް ކުރާ އެކި ކުންފުނިތައް ގުޅިގެން އާ ސީޕްލޭން ޓާމިނަލް ހިންގުމުން ފައިދާ ވާނީ ވަކި ބަޔަކަށް ކަމަށް ވިދާޅުވެ، އެއީ ކޮރަޕްޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.


އާ ސީޕްލޭން ޓާމިނަލް ހިންގާނީ މިހާރުވެސް ހިންގާހެން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނުމުން "މިހާރު" އިން ލިއުނު ޚަބަރު ޝެއާ ކުރައްވަމުން ޓްވިޓާގައި ޔައުގޫބް ވިދާޅުވީ އެމްއޭސީއެލް އިން އެގޮތަށް ބުނެފައި ވަނީ ގައުމުގެ އެންމެންގެ ފޯކަސް ވަކި ކަމަކަށް ހުއްޓިފައިވާ އަދި މަޖިލީސް ޗުއްޓީގައި އޮތް ވަގުތެއްގައި ކަަމަށާއި އެ ނިންމުން ނިންމާފައި ވަނީ އޮޑިޓާ ޖެނެރަލްގެ ލަފަޔާ ވެސް ހިލާފަށްް ކަމަށެވެ.

މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ހެދި ހާއްސަ އޮޑިޓެއްގައި ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ.

އެމްއޭސީއެލް އިން ބުނެފައި ވަނީ ސީ ޕްލޭން ޓާމިނަލް އަންނަ މެއި މަހުގެ ތެރޭގައި ހުޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖަރު މޫސާ ސޯލިހު ވިދާޅުވެފައިވަނީ، ސީ ޕްލޭން ޓާމިނަލް މިހާރު ވެސް ހިންގާ ގޮތަށް ހިންގަމުން ގޮސް ތިން އަހަރުގެ ތެރޭގައި އެމްއޭސީއެލްއާ އެއްކޮށް ހަވާލުވާނެ ކަމަށެވެ. މިހާރު ސީ ޕްލޭން ޓާމިނަލް ހިންގަނީ އެކި ސީ ޕްލޭންތައް އޮޕަރޭޓް ކުރާ އެކި ކުންފުނިތައް ގުޅިގެންނެވެ.

ސީޕްލޭން ޓާމިނަލް ހުޅުވާނީ ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ސީ ޕްލޭންތައް މަޑުކޮށްގެން އޮންނަ ޖެޓީ ހެދުމަށް ބޭނުންކޮށްފައިވާ މެޓީރިއަލްގެ އުމުރަށް 50 އަހަރުގެ ގެރެންޓީ އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ. އާންމު ޖެޓީތަކާ ހިލާފަށް، އެއީ މަތިންދާ ބޯޓުތަކަށް ތެލާއި ފެނާއި ކަރަންޓު ވެސް ފަސޭހަ ކަމާ އެކު ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ޖެޓީތަކެކެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ ހިދުމަތް ދޭން ފެށުމުން، ކުރީގެ ޓާމިނަލުން ދޭ ހުރިހާ ހިދުމަތްތަކެއް އާ ޓާމިނަލަށް ބަދަލު ކުރުމަށް ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ދުވަސް ނަގާނެ އެވެ.