އިސް ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމަށް ބުނެ ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި، ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.


ފަނޑިޔާރު ޝުޖާއު ކ. މާފުށީގައި އުޅުއްވަނިކޮށް އޭނާއަށް އިއްޔެ މަރުގެ އިންޒާރު ދިން ކަމަށް ބުނެ އެރަށު މީހަކު ހައްޔަރުކުރީ މިއަދެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލަން އެ ކޯޓުން ކުރި އަމުރުގައިވަނީ ތުހުމަތަށް ބާރު ދޭނެ އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތް ކަމަށެވެ. އެގޮތުން އެ ހާދިސާ ވަގުތު އެކަން ރިޕޯޓް ނުކޮށް، އެއް ދުވަސް ފަހުން ރިޕޯޓް ކުރުމާއި މަންޒަރު ދުށް މީހުންގެ ބަހެއް ހުށަހަޅާފައި ނެތް ކަމަށް އެ އަމުރުގައިވެ އެވެ.

އެހެންވެ، އޭނާ ބަންދުގައި ބަހައްޓަން ނުފެންނާތީ އެ މައްސަލާގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް، ބަންދުން ދޫކޮށްލީ ކަމަށް އެ އަމުރުގައިވެ އެވެ.

އެ ހާދިސާ ހިނގީ މާފުށީގައި ކަމަށް ވިޔަސް، މާފުށީ ކޯޓުން އަމުރު ހޯދުމުގެ ބަދަލުގައި އެ މީހާ ހައްޔަރުކުރީ ކާށިދޫ ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ގެންދިޔައީ ހުރާ ކޯޓަށެވެ.

އެ މީހާގެ ވަކީލް ޝިހާމް ވަހީދު ވިދާޅުވީ އިސް ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. އެފަދަ ކަމެއް އެތަނުގައި ހިނގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.