ގާސިމްގެ މަރު: ތަހުގީގުގައި 1،200 ގަޑިއިރުގެ ފްޓޭޖް ބެލި

ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލާގެ ތަހުގީގަށް 1،200 ގަޑިއިރުގެ ފްޓޭޖް ބަލާފައިިވާ ކަމަށާއި ތަހުގީގު ލަސްވީ ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ހުޅުމާލޭގައި މި މަހު 4 ވަނަ ދުވަހުގެ ދުވަހުގެ ރޭ ގާސިމް، 59، މަރާލި ގޮތުގެ ތަފްސީލް ހާމަކުރައްވަމުން ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ހަސަން ޝިފާއު ވިދާޅުވީ އެއީ ފޭރެން އުޅުމުގެ ތެރެއިން ހިންގި ގަތުލެއް ކަމަށެވެ. އެކަން ކުރި އަދުހަމް މުހައްމަދު، 21، މަސައްކަތްކުރީ ވަޅިން ބިރުދައްކައިގެން ގާސިމްގެ އަތުން ފޭރެން ކަމަށާއި ގާސިމްގެ ކަރަށް ވަޅި ހެރީ އޭނާ ސަލާމަތްވާން ހަޅޭލެވުމުން ކަމަށް ތަހުގީގުގައި އަދުހަމް ބުނެފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

އެ މައްސަލާގައި އަދުހަމް ހައްޔަރުކުރީ މިދިޔި ބުރާސްފަތި ދުވަހު އެވެ.

ޝިފާއު ވިދާޅުވީ ތަހުގީގަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން ގާސިމް މަރާލާފައި އޮށްވައި ފެނުނު ސަރަހައްދުގައި ހުރި ހަމައެކަނި ސީސީޓީވީ ވެސް މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ. އެ ހިސާބުގައި މިހާރު ހަދަމުން އަންނަނީ 14 ބުރީގެ އެޕާޓްމަންޓް ބިލްޑިންގެކެވެ.

ތަހުގީގުގައި ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖްތައް ބަލާފައިވެ އެވެ. އެކަމަކު ހުޅުމާލޭގެ ފްޓޭޖްތައް ނުސާފުވުމުން ދަތިތަކާ ކުރިމަތިވި ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

"ހުޅުމާލެ އާއި މާލޭގެ އިތުރުން ހުޅުލޭގެ ސީސީޓީވީ ފްޓޭޖްތައް ހޯދައި އެ ވީޑިއޯތަކުގެ އެނަލިސިސް ހަދާފައިވާނެ،" ޝިފާއު ވިދާޅުވި އެވެ.

އެ ފްޓޭޖްތަކުން އެރޭ ގާސިމް މާލޭގައި ހުންނަ ކޭމާޓް ހޮޓަލުން ކޮފީ ބޮއެގެން ހުޅުލެއަށް ދިޔަ މަންޒަރާއި ހުޅުލެއިން ހުޅުމާލެއަށް ދިޔަ މަންޒަރު ވެސް ފެނުނެވެ. އަދި ހުޅުމާލެ ތެރޭގައި ދަތުރުކުރާ މަންޒަރާއި ގާސިމަށް ހަމަލާދިން އަދުހަމް ހުޅުމާލެ އާއި މާލޭގައި އުޅޭ މަންޒަރުތައް ވެސް ހޯދާފައިވެ އެވެ.

ތަހުގީގަށް ކުރި ބައެއް މަސައްކަތްތައް

- 67 ތަނުގެ 1،270 މިނެޓުގެ ފްޓޭޖް ބެލި

- އަދުހަމްގެ ގެ އާއި ލައިގެން ހުރި ތަކެތި ބަލާފާސްކުރި

- ގަސްތަކުގެ ތެރޭގައި ފޮރުވާފައި އޮށްވައި ވަޅި ހޯދި

- އެ ވަޅިން ގާސިމްގެ ޑީއެންއޭ ފެނުނު

- ހަމަލާދިންއިރު އަދުހަމް ލައިގެން ހުރި ގަމީސް ފޮރުވާފައި އޮށްވައި ހޯދި

ޝިފާއު ވިދާޅުވީ ލިބިފައިވާ ހެކިތަކުގެ ފޮރިންސިކް އިތުރު ތަހުގީގުތައް ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގުގައި އަދުހަމް ދައްކާފައިވާ ވާހަކަތައް ކޮލަބްރޭޓްކޮށް ފްޓޭޖް އެނަލިސިސް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމް މަރާލި ކަމަށް އަދުހަމް އެއްބަސްވެފައިވާތީ އެ މައްސަލާގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ދައުވާ ކޮށްދިނުމަށް ފޮނުވާނެ ކަމަށެވެ. އެކަމަކު އެ ތަހުގީގު ހަމައެކަނި ބަރޯސާ ކޮށްފައިވާނީ އިއުތިރާފުގެ މައްޗަށް ނޫން ކަމަށާއި ހެއްކާއި ގަރީނާއަށް ވެސް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.