ކޯޓްތައް މިނިވަން ކުރުމުގައި ކާމިޔާބު ހޯދިއްޖެ: ހޫދު

ސަރުއީ ދާއިރާ އިސްލާހުކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓްތައް އޮތީ ސިޔާސީ ވެފައި ކަމަށާއި ކޯޓުތަކުން ކޮށްފައި ވަނީ ވެސް ސިޔާސީ މަސައްކަތްތަކެއް ކަމަށެވެ.

އެކަމަކު މި ސަރުކާރާ އެކު ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް މިނިވަންކަން މަތީ މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޯޓުތައް މިނިވަން ކުރުމުގެ ވައުދު ހާސިލްކުރެވުނެކޭ ނޫން. އެ ވައުދު ހާސިލް ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ލިބިއްޖެ،" ހޫދު

ސުޕްރީމް ކޯޓުގެ ބެންޗް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު ޝަރުއީ ދާއިރާގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ވެސް އޮތީ ސިޔާސީ ނުފޫޒު ފޯރާ ގޮތަށެވެ.

ހޫދު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ވެސް ގާއިމްވި އަހަރެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖެއަކީ މިހާރު "މުއައްސަސާތައް މިނިވަންކަންމަތީ ހިނގުމުގެ ފުރުސަތު" އޮތް އަދި ޑިމޮކްރެޓިކް ވެރިކަމެއް ކުރާ ގައުމެކެވެ.

އެކި ފަރާތްތަކަށް މާލީ ބޮޑެތި ބަދަލު ދޭއިރު ދެ ފުށް ނުފެންނަ ގޮތަށް އަމަލުނުކުރަނީ ކީއްވެގެންތޯ "މިހާރު" އިން ސުވާލު ކުރުމުން ހޫދު ވިދާޅުވީ އެކަމުގައި އަމަލުކުރައްވަނީ ދައުލަތަށް އެންމެ ލުއިވާނެ ގޮތަށް ކަމަށެވެ. "އެ ކުންފުނިތަކަށް އިންސާފު ހޯދައި ދިނުމަކީ ސަރުކާރުގެ ވައުދެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަދަލު ދޭ ކޮމެޓީން އެ ކޮންސާން ޕާޓީއަކާ މަޝްވަރާކޮށް އެ އަދަދު ވަރަށް ބޮޑުތަނުން މި ތިރިކުރަނީ އިނގޭތޯ. އޭގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް މިކަން ކޮށް ނިންމުން،" ހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "މިއީ ކަންކަން ހާމަކުރާ ސަރުކާރެކެ"ވެ.

އެކަމަކު ކުރީ ސަރުކާރުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްވެސް މަސައްކަތެއް ނުކޮށް ނުވަތަ ދައުލަތުން ބޮޑެތި ބަދަލުތަކެއް ދޭން ޖެހޭ ވަރުގެ ހޭދަކޮށް ނުކުރާ ކުންފުނިތަކަށް ވެސް، އެތައް ސަތޭކަ މިލިއަން ރުފިޔާ އިން ބަދަލު ދޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި ސުޕްރީމް ކޯޓު މުޅިން އާވެފައިވާ އިރު އެ ކޯޓާ ހަމައަށް ނުފޮނުވާ ވެސް، ބޮޑެތި ބަދަލުތައް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.