ޔާމީނަށް އިންސާފު ލިބޭނެ ކަމަކަށް ނުދެކެން: ސައީދު

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް އަދި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.


ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

ސީއެންއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މަޖިލިސް އިންތިޚާބު ބޯމަތިވިއިރު ވެސް ޔާމީން ޖަލަށްލައި، އެކައުންޓްތައް ފްރީޒްކުރި ގޮތަށް ކައުންސިލް އިންތިޚާބު ބޯމަތިވިރު ވެސް ހާލަތު އޮތީ އެގޮތަށް ކަމަށެވެ. އެއީ ޑިމޮކްރަސީގެ ނަމުގައި ހިންގަމުންދާ މި ސަރުކާރުން ވަރަށް ރޭވުންތެރިކަމާ އެކު ކުރަމުންދާ ކަމެއް ކަމަށާއި އެހެންވެ، ޔާމީން މިނިވަންވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ނަމުގައި އެހެން ނަމަވެސް އޮޕަރޭޓް ކުރަމުން މިދަނީ މުޅިން އެހެން ސިސްޓަމެއް. އަޅުގަނޑުމެންނަށް މުޅިން ކިޔައިދޭން ނޭނގޭ ސިސްޓަމެއް ސަރުކާރުން އޮޕަރޭޓް މިކުރަނީ. އެހެންވީމަ މިނިވަން އެއްވެސް ހާލެއްގައިވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އިންސާފުވެރި ވެސް ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ޔާމީން މިނިވަންކަމާ އެކު ހުންނެވި ނަމަ އިދިކޮޅު ކޯލިޝަން ކުރިއަަށް ގެންދަންވީ ގޮތް އެމަނިކުފާނު ކިޔައި ދެއްވާނެ އެވެ. އެކަމަކު މިއަދު އެ ހާލަތެއް ނެތް ކަމަށް ވިދޅުވި އެވެ.

އަދި ޔާމީން ވިދާޅުވި ފަދައިން އެމަނިކުފާނު ނެތް ދުވަހަކުން ޕާޓީ ޖަހައިގަންނަން އުޅޭ ބަޔަކު އަތުވެދާނެ ކަމަށާއި އެކަމަކު ކޯލިޝަންގެ ލީޑާޝިޕް އޮތީ ގުޅުން ބަދަހިކޮށް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނު މިނިވަން ކުރަން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ ޕާޓީން ވެސް ވަރަށް ވިސްނުންތެރިކަމާ އެކު ވަރަށް ހުށިޔާރު ކަމާ އެކު ގިނަ މަސައްކަތްތަކެއް ދިވެހިރާއްޖޭގަ އާއި ދިވެހިރާއްޖެއިން ބޭރުގައި އެބަ ކުރަން. ދެން ސަރުކާރަށް އެނގިވަޑައިގަންނަވާނެ މި ކުރާ މަސައްކަތުން އެ ބޭފުޅުންނާއި އަޅުގަނޑުމެންނާ ދެކެވޭ ވާހަކަތަކާއި އެ ބޭފުޅުންނަށް ކިހާ ވަރެއްގެ ޕްރެޝަރެއް މިކަމުން އެބައޮތްތޯ ނެތްތޯ." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަނީ އެމްޑީޕީން މަސައްކަތް ކުރާހެން މަގުމަތީގައި މުޒާހަރާކޮށް، ފުލުހުންނާ ކުރިމަތިލައިގެން ނޫން ކަމަށާއި އެ ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ކުރާ ގޮތް ތަފާތުވާނެ ކަމަށެވެ. އަދި ސަރުކާރަށް އެއް އަހަރުވީއިރު ވެސް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި މިހާތަނަށް ވެސް ކުރަމުން ގެންދަނީ ޔާމީންގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް ކަމަށް ސައީދު ވިދާޅުވި އެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމުން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އިސްތިއުނާފް ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ. އެކަމަކު އެކަމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.