ކައުންސިލްތައް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ ޚިދުމަތެއް ފަށައިފި

ރަށު ކައުންސިލްތައް މެދުވެރިކޮށް ޕާސްޕޯޓް ހަދަން ހުށަހެޅުމުގެ ހިދުމަތެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ފަށައިފި އެވެ.


އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ " ރަށުން"ގެ ނަމުގައިި މިއަދު ފެށި ހިދުމަތުގެ ބޭނުމަކީ ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް ރާއްްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަލަށް ތައާރަފްކުރި އެ ހިދުމަތް ފުރަތަމަ ދޭން ފެށީ ތ. އަތޮޅުގަ އެވެ.

ތ. އަތޮޮޅުގައި އެ ހިދުމަތް ފެށުމާ އެކު ތ. ވޭމަންޑޫ ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށާއި ޕާސްޕޯޓަށް އެދި އެކައުންސިލަށް ހުށަހެޅުމުުން، ލިޔެކިއުންތައް ފުރިހަމަ ނަމަ 48 ގަޑި އިރުގެ ތެރޭފައި ޕާސްޕޯޓް ނިމޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެގޮތުން ހަދާ ޕާސްޕޯޓް އިމިގްރޭޝަންގެ އޮފީސްތައް ހުންނަ ކޮންމެ ރަށަކުން ވެސް ނެގޭނެ އެވެ.

މިއަދު ތައާރަފްކުރި ހިދުމަތް ރާއްޖޭގެ އެކި އަތޮޅުތަކުގައި ފަށަން ނިންމާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އެކަމަކު އެހެން ރަށްތަކަށް ހިދުމަތް ތައާރަފް ކުރާނީ ކޮން އިރަކު ކަމެއް ނުބުނެ އެވެ.