ވައްކަމުގެ މައްސަލަތައް ގިނައީ ހަވީރުގެ ވަގުތުތަކުގައި

ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅަނީ ހަވީރުގެ ވަގުތުތަކުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން ވައްކަމުގެ މައްސަލަތައް އެންމެ ގިނައީ މިއަހަރު ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިއަހަރުގެ މިހާތަނަށް އެކަނި ވެސް 4،500 އަށް ވުރެ ގިނަ ވައްކަމުގެ މައްސަލަ ހުށަހަޅާފައިވެ އެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަވީރު 5 އާއި 6 އާ ދެމެދު ކަމަށާއި އިތުރު ފުލުހުން ނެރެގެން އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޓްވީޓާ އެކު، ހަމީދު އާންމު ކުރެއްވި ތަފާސް ހިސާބު ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު އެކަނި ވެސް މާލޭގައި ވައްކަމުގެ 10 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ މަގުމަތީގައި ބަހައްޓާފައި ހުންނަ އެއްޗެހި ނެގުމުގެ މައްސަލަތަކެވެ. އަދި ގޭގެއަށް ވަގަށް ވަދެ ވައްކަން ކުރުމުގެ ދެ މައްސަލައަކާއި ފިހާރަ އަދި ގުދަން ފަދަ ތަންތަނުން ވައްކަން ކުރުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.

އެފަދަ ކުށްކުރާ ގްރޫޕްތަކާ މެދު އާންމުން އިތުރަށް ސަމާލުވާން އިލްތިމާސް ކުރައްވާ ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.