13 އަހަރުގެ ކުއްޖާ ވިހެއި މައްސަލައިގައި އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ދައުވާކޮށްފި

ރ. މަޑުއްވަރީގައި، އުމުރުން 13 އަހަރުގެ ކުއްޖާ ވިހެއި މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ދައުވާކޮށްފި އެވެ.


އޭގެ ތެރެއިން އަންހެން ކުއްޖާގެ މަންމަގެ މައްޗަށް ހަތަރު ދައުވާ އަދި ބައްޕަގެ މައްޗަށް އެއް ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ކުއްޖާގެ މަންމަ އާއި ބައްޕަ، އެ މައްސަލައިގައި މީގެ ދެ ހަފުތާ ކުރިން ހައްޔަރުކުރި އެވެ. ނަމަވެސް ޝަރުތުތަކާ އެ ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އަދި ކައިވެނީގެ ނަމުގައި އަންހެން ކުއްޖާ ރޭޕްކުރި މައްސަލައިގައި އިސްމާއިލް ހައްމާދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރެއިން އެކެއްގެ މައްޗަށް ހަތަރު ދައުވާ އަދި އަނެއް މީހާގެ މައްޗަށް އެއް ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ހައްމާދުގެ މައްޗަށް ކުރީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ.

އަންހެން މީހާގެ މައްޗަށް އުފުލި ދައުވާގެ ތަފްސީލް

- މައިންބަފައިންނަށް ވެ ހުރެ ނުވަތަ ބެލެނިވެރިއަކަށްވެ ހުރެ، ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރި ކަމަށް ނުވަތަ މަސްލަހަތަށް އެކަށީގެން ނުވާ ގޮތެއްގައި އުނިކަން އަތުވެދާނެ ފަދަ ހާލަތެއްގައި 14 އަހަރަށް ވުރެ ދޮށީ މީހަކު ނުބަހައްޓައި 24 ގަޑިއިރަށް ނުވަތަ އެ އަށް ވުރެ ގިނަ އިރަށް އެއް އަހަރު ނުފުރޭ ކުޑަ ކުއްޖަކު ދޫކޮށްލުމުގެ ދައުވާ.

- މައިންބަފައިންނަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ ގާނޫނުގެ 110 ވަނަ ބާބާއި 120 ވަނަ ބާބާއި 130 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދަ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމަކީ އެކަށީގެންވާ ކަމެއް ކަން އެނގި ހުރެ އެފަދަ ކުށެއް ކުއްޖާއާ މެދު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ދައުވާ.

- ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ.

- ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސް އެޅުމުގެ ކުށުގެ ދައުވާ.

ފިރިހެން މީހާގެ މައްޗަށް އުފުލި ދައުވާ

- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސް އެޅުމުގެ ކުށުގެ ދައުވާ.

އުމުރުން 13 އަހަރުގެ ކުއްޖާ ބަލިވެ އިނދެ، ވިހެއި މައްސަލަ ފެންމަތިވުމާ އެކު، އެ ކުއްޖާ އަދި އެ އާއިލާގައި އިތުރަށް ތިބި ހަ ކުޑަ ކުދިން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.