ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްފި

ރާއްޖޭގެ ސްކޫލްތަކަށް އަންނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމާ ގުޅޭ ކަންކަން ދިވެހި ސަރުކާރުން އިންޑިއާގެ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިރޭ ވިދާޅުވީ، ޓީޗަރުން ރެކްރޫޓް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރުމުން ރާއްޖޭގެ ދެ ކުންފުންޏަކާއި އިންޑިއާގެ ތިން ކުންފުންޏަކުން ހުށަހެޅި ކަމަށެވެ.

އެ ބީލަން ކާމިޔާބު ކުރީ އިންޑިއާގެ "ގްލޯބަލް ޕްލޭސްމަންޓްސް" ގެ އިތުރުން އެ ގައުމުގެ އެހެން ކުންފުންޏެކެވެ. ނަމަވެސް ރެކްރޫޓް ކުރުމުގެ މަސައްކަތް ނުކުރެވޭނެ ކަމަށް އޭގެ ތެރެއިން އެއް ކުންފުނިން އެންގުމާ ގުޅިގެން ޓީޗަރުން ރެކްރޫޓް ކުރުން ހަވާލުކުރީ ގްލޯބަލް ޕްލޭސްމަންޓްސްއާ އެވެ.

އަންނަ އަހަރަށް 250 އެއްހާ ޓީޗަރުން ބޭނުންވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ގްލޯބަލް ޕްލޭސްމަންޓްސް އިން ވި އެއްބަސްވުމުގެ މުއްދަތަކީ އަންނަ އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލެވެ.

ޓީޗަރުން ރެކްރޫޓް ކުރުމަށް މީގެ ކުރިން ބޭރުގެ ކުންފުނިތަކަކަށް ކުރިމައްޗެއް ނުލެވެ އެވެ. އެކަމަކު، މި އަހަރު ވަނީ، ބޭރުގެ ކުންފުނިތަކަށް ވެސް އެ ފުރުސަތު އޮންނަ ގޮތަށް އުސޫލަށް ބަދަލު ގެނެސްފަ އެވެ.

އަހުމަދު ވިދާޅުވީ، ދިވެހި ކުންފުނިތަކުން ވެސް ޓީޗަރުން ހޯދަނީ، ބޭރުގެ އެޖެންސީތަކާ ގުޅިގެން ކަމަށް ވާތީ، އެ ޓީޗަރުންގެ އަތުން ދެ ބައި މީހުން ވެސް ފައިސާ ނަގާ ކަމަށެވެ. އޭގެ ސަބަބުން ފެންވަރު ރަނގަޅު ޓީޗަރުން ހޯދަން އުނދަގޫވާ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ދިމާލެއްގައި މަޝްވަރާ ކޮށްފައި ގެނައި ބަދަލެއް މިއީ. މީގެ ތެރޭގައި ނާޖާއިޒް މަންފާ ނެގޭނެ އެއްވެސް ދޮރެއް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ބިދޭސީ ޓީޗަރުންނާ އެޑިއުކޭޝަން މިނިސްޓްރީން އިންޓަވިއު ކުރާނީ އެޖެންސީން ފޮނުވާ ލިސްޓް، އެ މިނިސްޓްރީގެ ވިލަރެސް ކޮމިޓީން ފާސްކުރުމުންނެވެ. އެ ގައުމަށް ގޮސްގެން އަދި ސްކައިޕް މެދުވެރިކޮށްގެން ވެސް އިންޓަވިއު ކުރާނެ އެވެ.